ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.

ވަކި އޮފީހަކުން ތަންފީޒު ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ކުރަން ނިންމާ ކަމެއް އެގޮތަކަށް ތަންފީޒުނުވީމާ، އެ ނާކާމިޔާބު ވަނީ އެ އޮފީހުގެ ސިވިލް ސާވިސް މުވައްޒަފުންނޫން ކަމަށާއި މުޅި އޮފީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވަކި އޮފީހަކުން ތަންފީޒު ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ކުރަން ނިންމާ ކަމެއް އެގޮތަކަށް ތަންފީޒުނުވުމުން، އެ ނާކާމިޔާބު ވަނީ އެ އޮފީހުގެ ސިވިލް ސާވިސް މުވައްޒަފުންނެއް ނޫން ކަމަށެވެ.

އެ ފެއިލްވަނީ މުޅި އޮފީސް. ސަބަބަކީ، އޮފީސް ހިންގަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި، ސިވިލް ސާވަންޓުން ގުޅިގެން ކަމަށްވާތީ.

ވެރިކަން ކުރަނީ ކޮން ޕާޓީއެއްތޯ އަދި ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ ސިވިލް ސާވިސްގެ ދައުރެއް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ސިވިލް ސާވިސްގެ ދައުރަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަގުލަބިއްޔަތާއެކު ވަކި މެނިފެސްޓޯއެއް ތަންފީޒު ކުރަން އަންނަ ސަރުކާރަކަށް، ސިވިލް ސާވިސްގެ މުހިންމުކަން ބޮޑުވަނީ އެ ސަބަބަށްޓަކައިކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެހީތެރިވެދޭން ތިބޭ ބަޔަކީ، ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށެވެ.

އަދި އެ މުވައްޒަފުންގެ ހަކަތަ އިތުރުވާނީ، އެއޮފީހެއްގެ އިސްވެރިންވެސް ހަރަކާތްތެރިވުން އިތުރުވާ މިންވަރުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ނުވީމާ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ، އެ އޮފީހެއްގައި ތިބޭ ސިވިލް ސާވިސް މުވައްޒަފުން އެކަނި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ، އިންސާނީ ވަސީލަތް ތަރައްގީކޮށްގެން ކަމަށެވެ.

އަދި މިއަދު ފަށާ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް ނަތީޖާއަކަށްވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެންދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *