ހުޅުމާލެ

އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭ ގޮތަށް ސިވިލް ކޯޓުން އަމުރު ނެރުމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ކައުންސިލުން ނިންމައިފިއެވެ.

އެޗްޑީސީގެ އެދުމަށް ސިވިލް ކޯޓުން އަމުރު ނެރެފައި ވަނީ  ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ހަރަދާއި ނެގި ލޯނުތަކަށް ޒިންމާވާ ގޮތަށް ކަމަށްވާއިރު، ވަގުތީ އަމުރެއް ނުނެރެދީފި ނަމަ، އިއާދަނުކުރެވޭ ވަރުގެ ގެއްލުން އެ ކޯޕަރޭޝަނަށް ލިބޭނެ ކަމަށް ބުނެއެވެ.

ހަމައެއާއެކު އެ އަމުރުގައި ވަނީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީއަށް ލިބިފައިވާ ހައްގަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ހުއްޓުވަން ދައުލަތާއި ފުލުހުންގެ މައްޗަށް ވަނީ ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، މި މައްސަލާގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް މި ހަފްތާ ތެރޭގައި ހައި ކޯޓަށް ފޮނުވަން އެ ކައުންސިލުގެ ލީގަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅުމާލޭ ބިމުގެ މައްސަލަ ފެންމަތިވީ، އިދިކޮޅު ކޯލިޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ކޮތަރު ކޮށި"ގެ ނަމުގައި ޖަލްސާއެއް ބާއްވަން އުޅުނު ހިސާބުންނެވެ. އެގޮތުން އެ ޖަލްސާ ބޭއްވޭނީ އޮންނަ އުސޫލުގެ ތެރެއިން އެޗްޑީސީން ހުއްދަ ނެގުމުން ކަމަށް ބުނެ ބަޔާން ނެރުމުން، ފަހު ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، ހުޅުމާލެ މާލެ ސިޓީ ކައުންސިލުގެ ދަށަށް ނެގުމަށް ފާސްކޮށްފައެވެ.

މި މައްސަލަ ބޮޑުވެ، މާލެ ސިޓީ ކައުންސިލުގެ ނިންމުން ތަންފީޒު ކުރިޔަ ނުދިނުމަށް އެޗްޑީސީން ވަނީ ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. އަދި ސިވިލް ކޯޓުން ވަނީ އެޗްޑީސީން އެދުނުގޮތަށް ވަގުތީ އަމުރެއް ނެރެދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *