ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓާ ގުޅިގެން އޭސީސީން ކުރި ތުހުމަތުތައް އޮޑިޓް އޮފީހުން ދޮގުކޮށްފިއެވެ.

އޮޑިޓް ރިޕޯޓު ތައްޔާރުކޮށްފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. އެ ރިޕޯޓާ ގުޅިގެން އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އޮޑިޓް އޮފީހަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އޮޑިޓް ގެ މުއްދަތު ވެސް އެ ކޮމިޝަނަށް އަންގާފައި ވަނީ ނުބައިކޮށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އެހެންނަމަވެސް އޮޑިޓް އޮފީހުން ވަނީ އެވާހަކަ ދޮގުކޮށްފައެވެ.

އަޅުގަނޑުމެން އޮޑިޓް ފެށުމުގެ ކުރިން އޭސީސީއާ އެކު ބޭއްވި އިނީށިއަލް މީޓިންގަ ހުރިހާ ތަފްސީލެއް ހިއްސާކޮށްފައި ބުނިން ބަލާ މައްސަލަތަކުގެ ގޮތުން އެއަށް ވުރެ ފަހަތަށް އަދި ކުރިއަށް ވެސް މުއްދަތު އިތުރުކުރެވިދާނޭ. އެހެންވީމަ ނާންގައެކޭ ނޫނީ ނުބައި މުއްދަތެކޭ ނުބުނެވޭނެ އެ ބޭފުޅުންނަކަށް

އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ވާނީ ވަކި ދައުރެއްގެ މެމްބަރުންތަކެއްގެ މަސައްކަތް ނޫން ކަމަށާއި އެއީ މެމްބަރުން އިވެލުއޭޓް ކުރާ އޮޑިޓެއް ނޫން ކަމަށެވެ. އެ އޮޑިޓަކީ އޭސީސީން ކޮށްފައިވާ މަސައްކަތްތަކުގެ އޮޑިޓެއް ކަމަށެވެ. އެގޮތުން އެ ރިޕޯޓުގައި ހިމަނާފައި ވާނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާއި، އެ މައްސަލަތައް މިހާރު އޮތް ހިސާބުގެ ތަފްސީލްތައް ކަމަށް ވިދާޅުވިއެވެ.

މައްސަލަތަކުގެ ތަފްސީލްތައް ހިމަނާފައިވާ ގޮތުން، އޭސީސީން ވަނީ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވައި ދައުވާ ނުކުރާ ނަމަ އެއީ ނުބަލާ މައްސަލައެއް ކަމަށް ދޭހަވާ ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި ތަހުގީގު ކުރި މައްސަލަތަކުގެ 61 ޕަސެންޓު ނިންމީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް ކަމަށާއި، އަދި ދައުވާ ކުރަން ފޮނުވީ އެންމެ ޕަސެންޓެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އޮޑިޓް އޮފީހުން ބުނީ އެފަދަ އެއްވެސް ކަމެއް ދޭހަވާ ފަދަ ގޮތަކަށް ނޯންނާނެ ކަމަށާއި، އެއްވެސް މައްސަލައެއް ވަކި ވަކިން ބަލައި އެ މައްސަލައެއްގެ ތަފްސީލެއް އެ ރިޕޯޓުގައި ނުހުންނާނެ ކަމަށެވެ.

ރިޕޯޓުގައި ހުންނާނީ އަޅުގަނޑުމެން ބެލި މުއްދަތުގެ ފެކްޓްސް ގެނެސްދީފައި. މިސާލަކަށް މިވެނި މަބްބަރ އޮފް އިންވެސްޓިގޭޝަންތަކުގެ ތެރެއިން ދައުވާކުރަން ފޮނުވާފައި ވަނީ މިވެނި ވަރަކަށެވެ. ބަލާ ނިންމާފައި ވަނީ މިވެނި ވަރަކަށޭ. އެއީ ކޭސް ބައި ކޭސް އަށް ގޮސްގެން ގެންނަ އެއްޗެއް ނޫން. އެ ހުރިހާ މައުލޫމާތަކީ އޭސީސީން ވެރިފައިކޮށްގެން ގެނެސްދީފައިވާ ފިގަރސް

އޭސީސީން ބުނިގޮތުގައި ކޮމިޝަނުގެ މި ހިނގާ ދައުރުގެ މެމްބަރުން މަގާމާ ހަވާލުވިއިރު އިވެލުއޭޝަން މަރުހަލާގައި ފިޔަވަޅެއް ނޭޅި ހުރި 400 އަށް ވުރެން ގިނަ ޝަކުވާ އޮތެވެ. އަދި ތަހުގީގު މަރުހަލާގައި 500 އަށް ވުރެން ގިނަ މައްސަލަ އޮތެވެ. މީގެތެރެއިން ގިނަ މައްސަލަތަކަކީ ކޮމިޝަނަށް އެ މައްސަލައަކާ ގުޅޭ ޝަކުވާ ހުށަހެޅުނު ފަހުން ނުބެލި ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ކަމުގައިވާތީ އެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޝަންގެ މަސައްކަތްތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އޭސީސީގެ މަސައްކަތުގެ ސްޕީޑް ލަސް ކަމުގެ ތުހުމަތުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލަ ބަލައި މިހާރު ވަނީ ކޮމިޝަނުގެ މެމްބަރުން ވަކިކުރަން ނިންމާފައެވެ. ކޮމިޓީން އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމަށް އެ ހުށަހެޅުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. ކޮމިޓީން މެމްބަރުން ވަކިކުރަން ނިންމީ ފަސް މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީން މެމްބަރުން ވަކި ކުރަން ނިންމިއިރު، މިވަގުތު އެ ކޮމިޝަނުގައި ތިއްބެވީ ތިން މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲއެވެ. އެ ކޮމިޝަނުގައި ތިއްބެވި އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ އެ ކޮމިޝަނުން އިސްތިއުފާދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *