ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިޤްތިޞާދީ ނަޒަރަކުން ވިސްނާނަމަ، ރާއްޖެ އޮތީ ވަރަށް އުންމީދީ ހިސާބެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައިވެސް އަދި ބޮޑު ކަމެއް ދިމާނުވިޔަސް، ވަރަށް އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކުގައި ދިރިއުޅެމުން އަންނަ ބައެއް ކަމަށާއި ދިވެހިން އަބަދުވެސް ދެމިތިބެން ޖެހޭނީ އެގޮތުގައި ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި، މާތް ﷲގެ ވާގިފުޅާއެކު ރާއްޖެ ވަނީ، މި ސަރަހައްދުގެޤައުމުތަކާ އަޅައިބަލާއިރު އެކަށީގެންވާ ކުރިއެރުމެއް ހޯދާފައިކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަމާއި، އިޤްތިޞާދީ އެހެން މަސައްކަތްތައްވެސް އަލުން ފަށައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، އިޤްތިޞާދީ ނަޒަރަކުން ވިސްނާނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި. ކޮވިޑުގެ ކުރިން އޮތް ޙާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ޙާލަތަކަށް، ޤައުމުގެ އިޤްތިޞާދު ގެންދިޔުމަށްޓަކައި، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެއް ޢަޒުމެއްގައި، އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތު

ރައީސް ވިދާޅުވީ ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށާ އެ ސިޔާސަތު ދެމެހެއްޓޭނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުން އެދޭ އެދުންތަކަށް އިޖާބަދީގެން ކަމަށެވެ. ސަރުކާރެއް އޮތުމުގެ ބޭނުމަކީވެސް އެއީކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، އެ ދައުލަތެއްގައި ޝާމިލުވާ އެންމެންގެ އަޑުއަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ކުރުން ކަމަށެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *