މިދިޔަ ހޯމަ ދުވަހު އަވަހާރަވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަލްމަރުހޫމް އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ އެކި މަސައްކަތްްތައް ރާއްޖޭގެ އެކި ތަންތަނުން ފެންނަން އެބަހުރިކަމަށާއި އަދި އެމަނިކުފާނަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ރާއްޖޭގައި ހުރުމަކީ މުހިންމުކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަފުޅުދައްވަމުން ރައީސް ސޯލިހު ވަނީ އުމަރު ޒާހިރު ރާއްޖެއަށް ކޮށްދެއްވި ހިދުމަތްތަކުގެ ހަނދާން އާކުރައްވާފައެވެ. އަދި އުމަރު ޒާހިރަކީ ހަމައެކަނި ގައުމީ ހިދުމަތްތެރިއެއް ނޫންކަމަށާއި، އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބުކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ހިދުމަތަކީ، އެ މަނިކުފާނުގެ ލޭފޮދުގެ ވިންދު. ތެދުވެރިކަމާއި އިހްލާސްތެރިކަމަކީ، އެ މަނިކުފާނުގެ ތަބީއަތުގައިވާ އެންމެ ރިވެތި ސިފަ. މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ހިކްމަތްތެރިކަމަކީ، އެ މަނިކުފާނުގެ މިޒާޖުފުޅާ ލާމެހިފައިވާ ކަންކަން،

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ އުމަރު ޒާހިރު މިއަދު ފެންނަން ނެތްނަމަވެސް އެމަނިކުފާނު ދިވެހި ގައުމިއްޔަތާއި، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ދެއްކެވި ނަމޫނާތައް ސާފުކޮށް އަދިވެސް ފެންނަން އެބަހުރިކަމަށެވެ.

އެގޮތުން ހުޅުލެ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއާޕޯޓަކީ، އުމަރު ޒާހިރުގެ އަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ، އަދި ދިވެހިންގެ ގައުމީ އެއްބައިވަންތަކަމާއި، ގައުމީ ރޫހާއި ޖޯޝް ވަރަށް ފުރިހަމައަށް އެކުލެވިގެން އުފެއްދި ގައުމީ ތަރިކައެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހުޅުލެ ފަޅު ހިއްކައިގެން ހުޅުމާލެ ބިނާކުރުމަކީވެސް އެކަމަށް ކުރިމަތިވި ގިނަ ގޮންޖެހުންތަކެއް ހުރަސްކުރައްވައިގެން، އުމަރު ޒާހިރު ކާމިޔާބު ކުރެއްވި ވަރަށް އަގުހުރި މަޝްރޫއެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މަރްހޫމް ޢުމަރު ޒާހިރާމެދު މިއަދު އެންމެންވެސް ބުނާ އެއް ވާހަކައެއް އޮވޭ. އެއީ ހިތްޕުޅު ހެޔޮ، އަހްލާގް ރިވެތި، އަދި އިހްލާސްތެރިކަމުގެ ގޮތުން، މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެކޭ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. މިއަދު ރާއްޖޭގެ ތަފާތު ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ،

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

މަރްހޫމް އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ މިފަދަ ކިތަންމެ ކުރިބޯށްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަމަތިން ފެންނަން ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދު ދައްކަންވީ ހަމައެކަނި އެ ވާހަކަތައް އެކަންޏެއް ނޫންކަމަށް އަަދި އެ މަނިކުފާނުގެ ގައުމީ ހިދުމަތުން ނަމޫނާ ލިބިގަނެ، ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި، އެ މަނިކުފާނު ގެންގުޅުއްވި ހިކުމަތްތެރި ސިޔާސަތުން ޢިބްރަތް ލިބިގަންނަން ރައީސް ގޮވާލެއްވިއެވެ.

އަދި އެ މަނިކުފާނު ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ކޮށްދެއްވި މަތިވެރި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާކަމުގައި ރައީސް ވިދާޅުވިއެވެ.

"އެ މަނިކުފާނު ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް އެ ކޮށްދެއްވި މަތިވެރި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ އުމަރު ޒާހިރު އަމިއްލަފުޅަށް ލިޔުއްވި ޑައިރީއަކީވެސް އެމަނިކުފާނު ގައުމަށް ދޫކުރެއްވި ވަރަށް މުހިންމު ތަރިކައެއްކަމަށެވެ.

އުމަރު ޒާހިރު އެ ޑައިރީ ލިޔުއްވަން ފެއްޓެވީ 1943 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭ ކިޔަވާވިދާޅުވާން މަޖީދިއްޔާ ސްކޫލަށް ވަދެވަޑައިގެންނެވި ދުވަހުކަމަށާއި އަދި އޭރު އެމަނިކުފާނުގެ ޢުމުރުފުޅުން ވާނީ އެންމެ ހަތް އަހަރުކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އޭރުއްސުރެން ފެށިގެން ދާދި ފަހަކާ ޖެހެންދެންވެސް އެ މަނިކުފާނު ކޮންމެ ދުވަހަކުހެން އެ ޑައިރީގައި ލިޔުއްވަމުން ގެންދެވިކަމަށެވެ. އަދި އެ ޑައިރީގައި ސާޅީހަށްވުރެ ގިނަ ފޮތާއި، އެތައް ބައިވަރު ނޯޓްތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ ޑައިރީ ކިޔައިލުމުގެ ނަސީބު އަޅުގަނޑަށްވެސް ލިބުނު. އެ މަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމުގައި، ކުރިމަތިވި ކަންތައް، ދުވަހުން ދުވަހަށް އެ ޑައިރީގައި ލިޔުއްވާފައި އެބައޮތް. އޭގެ އިތުރުން، ގައުމީ ފެންވަރުގައި ހިނގައިދިޔަ ކަންތައްތައްވެސް، ދުވަހުން ދުވަހަށް ލިޔުއްވާފައި އެބަހުރި. އެތައް އަހަރެއް ވަންދެން ލިޔުއްވި އެ ޑައިރީގެ ސަފްހާތަކުން އަޅުގަނޑަށް މުޅިންވެސް ފެނުނީ އިބްރަތްތަކާއި ފިލާވަޅުތައް. އެއީ ތާރީހީ މައުލޫމާތުގެ ކަންޒެއް.،

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށެވެ.

ސަރުކާރުގެ އެކި ފަންތީގެ އެކި މަގާމުތައް ފުރުއްވުމުގައި އެމަނިކުފާނު 1953އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ދެމިހުންނެވިއެވެ. ހޯމް މިނިސްޓަރު، ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަމުގެ އިތުރުން އެމަނިކުފާނަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

މާލޭގެ ތަރައްގީގެ ބޮޑެތި ހުރިހާ މަސައްކަތްތަކާއި، އަތޮޅުތެރޭގެ ތަރައްގީގެ ގިނަ މަސައްކަތެއްގެވެސް މޭސްތިރިއަކީ އުމަރު ޒާހިރެވެ. އެމަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުއެވެ.

އަޅުގަނޑުގެ އަމިއްލަ ހަނދާނުގައި، އުމަރު ޒާހިރާ ދޭތެރޭގައި ހުރި އެއް ދުވަހެއް އަޅުގަނޑު ހަނދާން އެބަހުރި. އެއީ މީގެ 20 އަހަރު ކުރި. ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަސް. މުޅި ދުނިޔެ ސިއްސުވާލި ނައިން އިލެވަން ކުރިމަތިވި ދުވަސް. އެ ދުވަހުގެ ހަވީރުގެ އެ ވަގުތުގައި އަޅުގަނޑަށް އިނދެވުނީ އުމަރު ޒާހިރުގެ އަރިހުގައި. ސީއެންއެން އިން ވަގުތުން ލައިވްކޮށް އެ ބޯޓުތައް ޓުވިން ޓަވަރަށް ވަދެ، ޕެންޓަގަންއަށް ވަންނަމުންދިޔަ މަންޒަރު ވަގުތުން ބައްލަވަމުން ގެންދަވަމުން ވިދާޅުވި އެތައް ވާހަކަތަކެއް، އަޅުގަނޑުގެ ހަނދާނުގައި މިއަދުވެސް ހަރުލާފައި އެބަހުރި. އާދެ، އުމަރު ޒާހިރަކީ އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެންދާނެ ބޭފުޅެއް ނޫން،

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *