ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު

ފަނޑިޔާރުންތަކެއްގެ އޯޑިއޯތަކެއް ކަމަށް ބުނެ ދައުރުވި އޯޑިއޯތަކަކާއި ގުޅިގެން ސަސްޕެންޑްކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދުގެ އަޑާއި އޯޑިއޯތަކުގައިވާ އަޑާއި ދިމާނުވާތީވެ އޭނާގެ ސަސްޕެންޝަން އުވާލަން ނިންމައިފިއެވެ.

ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުން އެ މައްސަލައިގައި ހެދި ފޮރެންސިކް އެނަލިސިސްއަކުން ވަނީ އެ އޯޑިއޯތަކުގެ ތެރެއިން އެއް އޯޑިއޯއިން ގާޒީ ފާއިޒްގެ އަޑާ ދިމާވާކަމަށް ނިންމާފައެވެ. ގާޒީ ފާއިޒް ސަސްޕެންޑްކުރަން ނިންމީ، އޯޑިއޯ ދިމާވާ ކަމަށް ފުލުހުން ނިންމުމުންނެވެ.

ނަމަވެސް އޭގެފަހުން މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑީޕާޓްމަންޓްއިން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ހިއްސާކޮށްފައެވެ.

ފުލުހުން ހެދި އެނަލިސިސްއާ ހިލާފަށް އެ ރިޕޯޓުގައި ބުނީ އޯޑިއޯތަކާއި ގާޒީ ފާއިޒްގެ އަޑާއި ދިމާނުވާކަމަށެވެ. ޖޭއެސްސީން ގާޒީ ފާއިޒްގެ ސަސްޕެންޝަން އުވާލީ މެލޭޝިއާގެ މިނިސްޓްރީގެ އެހީގައި ހެދި އެ ރިޕޯޓަށް ބެލުމަށްފަހުއެވެ.

އެ މައްސަލައިގައި ގާޒީ ފާއިޒު ވަނީ ދައުރުވި އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް އޭނާ ދައްކާފައި ނުވާނެކަމަށް ވިދާޅުވެފައެވެ. މިދިޔަ އޯގަސްޓު މަހު ދައުރުވި އެ އޯޑިއޯތަކަކީ ގާޒީ ފާއިޒްގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަމީރުގެ އަޑު ހިމެނޭކަމަށް ބުނާ އޯޑިއޯތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *