ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ޙައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކުގެ ވާހަކަ ރައްޔިތުންގެ އަރިހުން އަޑު އަހައި އެ މައްސަލަތައް ހައްލުކޮށްދިނުން ކަމަށެވެ.
އެގޮތުން ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ އެ މައްސަލަތައް ހައްލުކުރުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މިވަގުތު އެމީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފްލެޓުތަކުގައި ދިރިއުޅެވޭ ވަރު ނުވަނީސް ކުލި ދައްކަން ޖެހުން. ހިޔާ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމަން ދިން ތިން މަސް ދުވަސް މި މަހުގެ ނިޔަލަށް ނިމޭނެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ މަސައްކަތްތައް ނިންމާ އެ ތަންތަނުގައި ދިރިއުޅެން ފެށޭ ވަރެއް ނުވި، މިކަމަށް އިތުރަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން މިހާރު ނިންމާފައި ވަނީ ފްލެޓުތަކުގެ މަސައްކަތް ނިންމުމުގެ ގޮތުން ކުލި ނުނަގާ އިތުރު ތިން މަސް ދުވަސް ދޭން
ހިޔާ ފްލެޓުތަކުގެ ކުލި ނުނަގައި އިތުރު ތިން މަސް ދިނުމަށް ސަރުކާރުން ނިންމާފައި މިވަނީ އެކަމުގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެ އާންމުން މުޒާހަރާ އަށް ވެސް ނިކުންނަން ފަށާފައި ވަނިކޮށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ބިނާ ކުރި 25 ބުރީގެ ޓަވަރުތަކަށް ކުލީގެ ގޮތުގައި ދައްކަން ކުރީ ސަރުކާރުން ނިންމީ 5500ރ އެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ އެ އަދަދު 7000ރ އަށް ބޮޑުކޮށްފައެވެ. ސަރުކާރުން ބުނިގޮތުގައި އެ އަށް ވުރެ ކުޑަ ކުއްޔެއް ނަގައިގެން ފެލްޓުތައް ހަދަން ނެގި ލޯނު ނުދެއްކޭނެއެވެ.
އެހެންނަމަވެސް ރައްޔިތުންނަށް ލުއި ހޯދޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ކުރިން ދީފައިވާ ގްރޭސް ޕީރިއަޑް މި އަންނަ ޖެނުއަރީ އަށް ހަމަވާއިރު، އެތަނުގެ ކުއްޔާ މެދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ތިން މަހުގެ ގްރޭސް ޕީރިއަޑެއް ސަރުކާރުން ދިނީ އެތަންތަން ނިންމާފައި ހަވާލުކުރި އިރު ތަނުގެ ފިނިޝިން ނުނިންމާ ހުރުމުންނެވެ. އެގޮތުން ދޮރު ހަރުކުރުމާއި ލައިޓާއި، ޓައިލްސް ފަދަ ހުރިހާ ކަމެއް ކުރަން ޖެހެނީ ތަނުގެ ވެރިފަރާތުން އަމިއްލައަށެވެ. ތިން މަސް ދިން ނަމަވެސް އަދިވެސް އެތަނުގައި ގިނައީ މަސައްކަތް ނުނިމޭތީ ފްލެޓުގައި ދިރިއުޅެން ނުފެށޭ އާއިލާތަކެވެ.