ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 106 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި 106 ބޭފުޅުންނަށް އިނާމު ދީފައިވާއިރު، މިދިޔަ ނޮވެމްބަރު މަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވެސް 117 ބޭފުޅަކަށް މި އިނާމު ދީފައިވެއެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިޚްލާސްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 26 އަންހެނުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން އިނާމު ހާސިލްކުރެއްވި 32 ބޭފުޅުން ހިމެނެއެވެ. އަދި ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރެއްވި 2 ބޭފުޅަކު ވެސް މިރޭ އިނާމު ޙާސިލްކޮށްފައިވެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ރޭ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ޢާންމުކޮށް ދެއްވާނީ، އަހަރަކު އެއްފަހަރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. އެހެންނަމަވެސް، މިއީ މި އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެފައި، ހުށަހެޅުއްވި ބޭފުޅުންގެ އަދަދު ގިނަކަމާއެކު، އެއް ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހީންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ވެސް މި އިނާމު ދެއްވުމަށް ނިންމެވީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *