ސުނާމީ ކާރިސާއަކީ އަވައްޓެރި ގައުމުތަކާއިއެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރު ވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރަށް ވީއިރު، ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސް އަޅުގަނޑުމެން ފާހަގަ މި ކުރަނީ ރާއްޖޭގެ ފަހުގެ ތާރީހުގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަހުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކަމަށާއި، އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ގަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެއް ކަމަށެވެ. "ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް" ފާހަގަކުރަނީ، އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން ޢިބްރަތް ލިބިގަތުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

އެ ޕާޓީން ބުނީ ސުނާމީ ކާރިސާއަކީ އަވައްޓެރި ޤައުމުތަކާއިއެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރު ވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރަށް ވީއިރު، ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.

އަދި އަވައްޓެރި ޤައުމުތަކުގެ ރައްޔިތުންނަށް، ޚާއްސަކޮށް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ހިއްސާދާރުންތަކެއް ކަމަށްވާ ބިދޭސީ މަސައްކަތްތެރިންނަށް އިޙުތިރާމްކޮށް، އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުޞޫލުތަކުގެ ތެރެއިން، އަޚުވަންތަކަމާއި އޯގާތެރިކަމާއިއެކު އެ މީހުންނާއިމެދު އަމަލުތައް ބެހެއްޓުމަށްވެސް އިލްތިމާސް ކުރަމެވެ.

މި ފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހިރައްޔިތުން ދެއްކެވި މަތިވެރި ގައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިންޢިބްރަތް ލިބިގަންނަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ. އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތާއި ގައުމީ އެއްބައިވަންތަކަން ކަން ފާހަގަކކޮށް ބުނީ ގައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ގައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

އެގޮތުން، ކޮވިޑް-19 ގެ ހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދައްކުވައިދެއްވާފައިވަނީ ގައުމީ އެއްބައިވަންތަކަން ކަމަށާއި، ކޯވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކާމާއެކު، ސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީ ކަމަށް ވެސް ބުނެފައިވެއެވެ.

ސުނާމީ ކާރިސާއިން ހާސިލްވި އެންމެ މަތިވެރި އިބުރަތަކީ ގައުމީ އެއްބައިވަންތަކަމުގެ މުހިންމު ކަން ކަމަށާއި، ޤައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ކަމަށް ވެސް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *