އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
މެމްބަރުން ވަކި ކުރަން ކޮމިޓީން ނިންމީ މިއަދު 16:30ގައި އޮތް އެ ކޮމިޓީގެ ބައްދަލުވުމެއްގައެވެ. ކޮމިޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމަށް އެ ހުށަހެޅުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. ކޮމިޓީން މެމްބަރުން ވަކިކުރަން ނިންމީ ފަސް މެމްބަރުންގެ ވޯޓުންނެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވާއިރު، އޭސީސީގެ އޮފިޝަލަކު މިއަދު 'ޖަޒީރާ' އަށް ވިދާޅުވީ ކޮމިޝަންގެ މެމްބަރުން މަގާމުން ދުރުކުރުމުގެ މައްސަލައިގައި މިއަދު ހުރިހާ މެމްބަރުންވެސް މަޖިލީހަށް ލިޔުމުން ޖަވާބު ދެއްވާފައިވާ ކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ނިންމާފައި މިވަނީ އެ ކޮމިޝަނުގެ މަސައްކަތްތަކުގެ ސްޕީޑް ލަސްކަމާއި، އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމުގެ ތުހުމަތުގައެވެ. ކޮމިޓީގެ އެދުމަށް އޮޑިޓް އޮފީހުން ހެދި ރިޕޯޓުގައި ވެސް އެކަން ވަނީ ހާމަވެފައެވެ. އޭސީސީން ވަނީ މިއަދު އެ އޮޑިޓަށްވެސް ފާޑުކިޔައި ބަޔާނެއް ނެރެފައެވެ.
ކޮމިޓީން މެމްބަރުން ވަކި ކުރަން ނިންމިއިރު، މިވަގުތު އެ ކޮމިޝަނުގައި ތިއްބެވީ ތިން މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲއެވެ. އެ ކޮމިޝަނުގައި ތިއްބެވި އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ އެ ކޮމިޝަނުން އިސްތިއުފާދެއްވާފައެވެ.
މިޔޮތީ މިކަން ވާންވީ ގޮތަށް ވެފަ ދަރިންނޭ