ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު.

ރާއްޖެއާ އެންމެ ގާތް ގުޅުމެއް ޒަމާނުއްސުރެންވެސް އޮންނަ އިންޑިއާއަށް ނިސްބަތްކޮށް "އިންޑިއާ އައުޓް" އޭ ގޮވުމަކީ ދެ ގައުމުގެ ރައްޔިތުންނަށްވެސް ވެވޭ ވަރަށް ބޮޑު އިހުމާލެއްކަމަށާއި އަދި އެއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަދި ހިތްވަރުދެވޭނެ ކަމެއް ނޫންކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

ޖޭޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ "އިންޑިއާ އައުޓް" އަދި "އިންޑިއަން މިލިޓަރީ އައުޓް" ގެ ނަމުގައި ހިންގޭ ހަރަކާތްތަކަކީ ވަކި ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް އިދިކޮޅުން ހިންގާ ކެމްޕޭނެއްކަމުގައި ދެކުމުގެ ޖާގަ ވަރަށް ފުޅާކޮށް އެބަ އޮތް ކަމަށެވެ.

އަދި އެފަދަ އަމަލުތަކުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ވިޔަފާރިއާއި އެނޫންވެސް މުއާމަލާތްތަކަށް ހުރަސްއެޅި ޒާތީ ރުޅިވެރިކަމާއި ބަދަލުހިފުމުގެ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެކަމެއް ކަމަށާއި އަދި އެކަމާއި ޖޭޕީން ކަންބޮޑުވާކަމަށްވެސް އެބަޔާނުގައި ބުނެއެވެ.

ޖޭޕީން ބުނީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފަ އޮތް ވަސީލަތްތައް މަދުގައުމެއްކަމުގައިވީހިނދު، ބޭރުގެ އެހެން ގައުމުތަކާއެކު އޮމާން ގުޅުންތަކެއް އޮތުމަކީ ރާއްޖެއަށް ރައްކާތެރިކަމާއި ކުރިއެރުން ލިބެން އޮތް އެންމެ ރަނގަޅު މަގުކަމުގައި އެޕާޓީން ދެކޭ ކަމަށެވެ. އަދި "އިންޑިއާ އައުޓް" ހަރަކާތާއި "އިންޑިއަން މިލިޓަރީ އައުޓް" ހަރަކާތަކީ އެކީ އެކުގައި ހިންގާ ހަރަކާތެއްކަމަށްވެސް ޖޭޕީން ބުނެއެވެ.

އެޕާޓީން ބުނީ ހަތިޔާރާއި ނުލާ ގައުމެއްގެ ސިފައިން ޔުނިފޯމުގައި އެހެން ގައުމެއްގައި ހަރަކާތްތެރިވުމަކީ "މިލިޓަރީ" ހަރަކާތެއްކަމުގައި ދައްކައި ސިފަ ކުރުމަކީ ވަރަށް ގިނައިން އިދިކޮޅު ޕާޓީތަކުން ވެރިކަން ކުރާ ޕާޓީތަކާއި ދެކޮޅަށް ބޭނުންކުރާ އުކުޅެއްކަމަށެވެ. އަދި ރާއްޖޭގައިވެސް އިދިކޮޅުން އެގޮތަށް ސިފަކުރަނީ ހަމަ ސިޔާސީ ބޭނުމެއްގައިކަމަށް ޖޭޕީން ބުނެއެވެ.

ނަމަވެސް ދޭދޭ ގައުމުތަކުގެ މެދުގައި އުފައްދާ ބައިލެޓަރަލް ގުޅުންތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން އެކި ބޭނުންތަކަށް ވަކި މުއްދަތަކަށް ގައުމެއްގެ ސިފައިން އެހެން ގައުމެއްގައި ތިބުމަކީ ދެފަރާތަށްވެސް އެކަމެއްގެ ފައިދާ ލިބޭ ކަންކަންކަމަށް ޖޭޕީން ބުނެއެވެ.

އެފަދައިން ސިފައިން ތިބޭ ބޭނުންތަކުގެ ތެރޭގައި ތަމްރީނު، ތައުލީމާއި ހުނަރުގެ ބޭނުމަށް އަދި ކާރިސާތަކުން ސަލާމަތްވުން، ބައިނަލްއަގްވާމީ ގާނޫނު ތަންފީޒުކުރުން، ދެ ގައުމެއްގެ ގުޅިފައިވާ ބޯޑަރު ބެލެހެއްޓުން އަދި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިވުން ހިމެނޭކަމަށް ޖޭޕީން ބުނެއެވެ.

ޖޭޕީން ބުނީ އެއީ ދުނިޔޭގެ އެފަދަ ގުޅުންތަކަކީ ދޭދޭ އަދި ސަރަހައްދީ ފެންވަރުގައިވެސް ކުރިޔަށްގެންދެވޭ ގުޅުންތަކެއްކަމަށް އެކި ގައުމުތަކުން ބަލައިގަނެފައިވާކަމަށެވެ.

އޭގެ އިތުރުންވެސް ޕާޓީން ނެރުނު އެ ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތެއް އޮވެގެން މެނުވީ ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ސިފައިންގެ ބަޔަކަށް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެކަމަށް ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ.

އެހެން އޮއްވާ އާ ގާނޫނުއަސާސީ 2008 ވަނަ އަހަރު ވުޖޫދުވިފަހުން މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި އެހާތަނަށްވެސް އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ދިނުމަށް ،މަޖިލީހުން ފާސްކޮށްފައިނުވާކަމަށެވެ. އަދި އެ ސަބަބަށްޓަކައި "އިންޑިއާގެ މިލިޓަރީ" ދިވެހިރާއްޖޭގައި ތިބިކަމަށް ބެލެވޭނެ އަދި ނިންމޭނެ ގާނޫނީ ހަމައެއްވެސް ނެތްކަމަށް އެޕާޓީން ދެކޭ ކަމަށެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *