އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ (ވ) އަދި އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ (ކ)

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އެދުމަކަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޮޑިޓް ރިޕޯޓާއި މެދު އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ރިޕޯޓް ހެދުމަށްފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ހިއްސާކުރީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ރިޕޯޓުގެ މައްޗަށް ބިނާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އޭސީސީގެ މެމްބަރުން މަގާމުން ދުރުކުރުމަށް ނިންމާފައެވެ. އެ ރިޕޯޓާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުގެ ދިފާއުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުން ފުރަތަމަވެސް ފާހަގަކުރީ އެ ރިޕޯޓަކީ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށް ހަދާފައިވާ ރިޕޯޓެއް ކަމުން، އެ ރިޕޯޓުގައި އޭސީސީގެ މި ދައުރުގެ މެމްބަރުންގެ މަސައްކަތް އެކަށީގެންވާ ވަރަށް ބަލައި ހިމެނިފައިނުވާނެ ކަމެވެ. އަދި ރިޕޯޓުގައި ހިމެނިފައިވާނީ މި ދައުރުގެ މެމްބަރުންގެ 10 މަހުގެ މަސައްކަތް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ އޮޑިޓް ކުރެވޭ މުއްދަތު ވެސް އެ ކޮމިޝަނަށް ރަނގަޅަށް އަންގާފައިނުވާ ކަމަށެވެ. އެ އޮޑިޓަކީ 2019 ވަނަ އަހަރުގެ ނިޔަލަށް ހަދާ އޮޑިޓެއް ކަމަށް ބުނުމަށް ފަހު 2020 ޖުލައި ގެ ނިޔަލަށް އޮޑިޓްކުރާ މުއްދަތު އިތުރުކުރީ އެ ކޮމިޝަނަށް ނާންގާ ކަމަށް އޭސީސީން ބުނެއެވެ.

އަދި 2020 ގެ ނިޔަލަށް ބެލީ ކޮން ކަންކަމެއް ކަންވެސް އެ ކޮމިޝަނަށް ނާންގާ ކަމަށް ބުނެއެވެ. މީގެ އިތުރަށް އެ ކޮމިޝަނުން ވަނީ 2020 ވަނަ އަހަރުގެ ހަތަރު މަހަކީ ކޮވިޑް-19ގެ ސަބަބުން ގިނަ ކަންކަން މަޑުޖެހިފައިވާ މުއްދަތެއް ކަމަށްވާއިރު، އެކަން ވެސް އޮޑިޓުން ފާހަގަކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކޮމިޝަނާ މިހާރު ހަވާލުވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަށް އަލިއަޅުވާލައި އޭސީސީން ބުނީ ކޮމިޝަނުގައި ތިބި ގިނަދުވަސްވީ ތަޖުރިބާހުރި އިންވެސްޓިގޭޓަރުން އެމްއެމްޕީއާރްސީގެ ތަހުގީގަށް ދޫކުރުމުން، ކޮމިޝަނުގައި ހުރި އެހެން ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށްގެންދިއުމަށް ދިމާވި ގޮންޖެހުންތަކަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިނުވާ ކަމަށެވެ.

އަދި ރަނގަޅު މުވައްޒަފުން އިތުރަށް ހޯދައި ތަމްރީނު ކުރުމަށް ބޭނުންވާ ބަޖެޓުވެސް އޭސީސީއަށް ނުލިބޭ ކަމަށް ބުނެއެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށްނުދިޔައީ އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުން ކަމަށް ވެސް އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެއެވެ.

އެ ކޮމިޝަނުން ބުނީ ތަހުގީގުކުރާ އިދާރާއެއްގެ ޕާފޯމަންސް ވަޒަންކުރާ ހަމައެކަނި މިންގަނޑު ބިނާވަނީ ތަހުގީގުކުރާ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާ ނުފޮނުވުމުގެ މައްޗަށްކަމަށް ދެކުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށެވެ. އަދި އޭސީސީއަށް ކޮރަޕްޝަންގެ ތަފާތު ބާވަތްތަކުގެ މައްސަލަތައް ހުށަހެޅޭއިރު، ހުރިހާ މައްސަލަތަކަކީ އެއް މިންގަނޑަކުން މިންކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

އޮޑިޓުގެ ސްކޯޕްގެ ގޮތުގައި ބެލުމަށް ކަނޑައަޅާފައިވާ ދެ ބަޔަށް އިންސާފު ކުރާނަމަ އަދި ކޮމިޝަނުގެ ޕާފޯމަންސް ރަނގަޅަށް ވަޒަން ކުރާނަމަ ކޮމިޝަނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތަކާއި އެކަންކަމުގައި ހުރި ގާނޫނީ ގޮންޖެހުންތަކަށާއި ތަހުގީގާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިއުން ހޯދުމަށާއި މީހުން ހާޒިރުކޮށް ބަޔާންނެގުން ފަދަ ކަންކަމުގައި ހުރި ދަތިތަކަށްވެސް ރިއާޔަތް ކުރަންޖެހޭނެ ކަމަށާއި ނަމަވެސް އެކަންކަންވެސް އޮޑިޓް ރިޕޯޓުގައި އެފަދަ އެއްވެސް ކަމަކަށް ބަލާފައި ނުވާ ކަމަށް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *