މަހުމޫދުގެ މަރުގެ ތުހުމަތުވާ ސާލިމް.

އދ. ދަނގެތީގައި އެރަށު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލާގައި ތުހުމަތުވާ ސާލިމްގެ މައްޗަށް ކުރާ ދައުވާތަކުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގައި މިއަދަށް ތާވަލުކޮށްފައި އޮތް އަޑުއެހުން ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުންކަމަށެވެ.

ދަނގެތީގެ ފަޅު ގެޔެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އުމުރުން ދުވަސްވީ މީހަކު ބަލަން ދަނގެއްޗަށް ގެނެސްފަ ހުރި ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ޝާ އަލޮމް މިއާ ނުވަތަ ސާލިމްއެވެ.

ފުލުހުން ވަނީ އެމައްސަލައިގައި ކުރި ތަހުގީގަށް، ސާލިމް މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައިކަން އެނގިފައިވާކަމަށް ބުނެފައެވެ. އެ މައްސަލައިގައި ސާލިމް ނޫން އިތުރު މީހެއް ޝާމިލުވާކަން ތަހުގީގަށް އެނގިފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

މަހުމޫދު މަރާލި ރޭ އޭނާއަށް މީހަކު ގުޅިކަމަށާއި، އަަދި އެ ފޯނު ކޯލަށްފަހު މަހުމޫދު ބޭރަށް ދިޔަ ގޮތަށް ގެއަށް އަނބުރާ ނާންނަކަމަށް މަހުމޫދުގެ އާއިލާއިން ބުނެއެވެ.

އެ މައްސަލައިގައި ސާލިމްގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ. ސާލިމް ވަނީ މަހުމޫދު މަރާލިކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެސްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *