އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ: މިހާރު އޮންލައިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ މައްސަލައިގައި އެ ކޮމިޝަނުގެ މެމްބަރުންގެ ފަރަތުން ރަސްމީކޮށް ލިޔުމުން މަޖިލީހަށް ޖަވާބުދެއްވައިފިއެވެ.

އޭސީސީގެ އޮފިޝަލަކު 'ޖަޒީރާ' އަށް ވިދާޅުވީ ކޮމިޝަންގެ މެމްބަރުން މަގާމުން ދުރުކުރުމުގެ މައްސަލައިގައި މިއަދު ހުރިހާ މެމްބަރުންވެސް މަޖިލީހަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މެމްބަރުން ޖަވާބުދެއްވީ ވަކި ވަކިން ލިޔުމުންކަމަށެވެ.

އޭސީސީގެ މެމްބަރުން ޖަވާބުދެއްވީ، އެކަމަށްޓަކައި މަޖިލީހުން ދީފައި އޮތް ވަގުތުހަމަވާން ކައިރިވެފައިވަނިކޮށް މިއަދު 10 ޖަހާކަންހާއިރުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އޭސީސީގައި މިވަގުތު ތިއްބެވި ތިން މެމްބަރުންނަށް ވެސް ޖަވާބުދާރީވުމަށް ފަސް ދުވަސް ދީފައެވެ. އެކޮމިޝަނުގައި މިވަގުތު ތިއްބެވީ ތިން މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲއެވެ.

މަޖިލީހުން އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއި އެކު، ކޮމިޝަންގެ ދެ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމިޝަނުގެ  މެމްބަރުންގެ ފަރާތުން މިހާރު ޖަވާބުދީފައިވާއިރު، މިއަދު 16:30 ގައި މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއްވެސް ވަނީ ތާވަލުކޮށްފައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރަން ކޮމިޓީން ނިންމާފައިވަނީ މިދިޔަ ފަސް އަހަރު ދުވަހުގެތެރޭ އޭސީސީން ކުރި މަސައްކަތަކުގެ މައްޗަށް އެކުލަވާލި އޮޑިޓް ރިޕޯޓެއްގައި އެ ކޮމިޝަނުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ އެދެވޭ މިންވަރަށް އަދާކުރެވިފައިނުވާކަމަށް ބުނެއެވެ.

މެމްބަރުން ވަކި ކުރަން ނިންމާފައިވަނިކޮށް، އެ މެމްބަރުން އެއްފަހަރާ ގިނަ މައްސަލަތަކެއް ބަލައި، ބައެއް ވަޒީރުންނާވެސް ވާހަކަދައްކަން އަދި ހާޒިރުވާން އެދޭކަމަށް ބުނާ މައްސަލައެއްވެސް މަޖިލީހުގެ ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ނުބެލުމަށް ކޮމިޓީ މެމްބަރުން ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *