އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް އިފްތިތާހުކުރުން -- ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެތެރޭގައި މަސައްކަތްކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ހޭތުންތެރި ކުރުވާ، އަހުލުވެރި ކުރުވުމަށް އެ ކުންފުނިން ކުރިއަށްގެންދާ ޕޯޓް ސޭފްޓީ ވީކް 2021 އިފްތިތާހުކޮށްފިއެވެ.

މި ހަރަކާތް މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު، މި ހަރަކާތުގައި އެމްޕީއެލްގައި މަސައްކަތް ކުރާ ފަރާތްތަކަށް އަދި ޕޯޓް ސަރަހައްދުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކާއި ޓްރެއިނިންތައް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ބާއްވާން ވަނީ ހަމަޖެހިފައެވެ.

ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މިއަދާއި މާދަމާ ކުރިއަށް ދާނީ ސޭފްޓީ ކަލްޗަރ އެވެއާނެސް ވޯކްޝޮޕެވެ. އަދި 28 ވަނަ ދުވަހު ފަސްޓް އެއިޑް ޓްރެއިނިންއާއި، ހިއުމަން ފެކްޓަރގެ އިތުރުން 29 ވަނަ ދުވަހު އެންޑީއެމްއޭ އެވެއާނެސް ސެޝަންއާއި، އެކްސިޑެންޓް އެންޑް އިންސިޑެންޓް އެވެއާނެސްގެ އިތުރުން ޓައިމް އެންޑް ވޯކް ސްޓްރެސް މެނޭޖްމަންޓް ސެޝަނެއް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިމަހު 30 ވަނަ ދުވަހު ވެސް ޓައިމް އެންޑް ވޯކް ސްޓްރެސް މެނޭޖްމަންޓް ސެޝަނަކާއި، ކިޑްސް ސޭފްޓީ ޑްރޯވިން ކޮމްޕެޓިޝަނެއް ވެސް ބާއްވާނެއެވެ. ސޭފްޓީ ވީކް ނިންމާލުމުގެ ކުރިން ހުޅުމާލޭގައި، ސޭފްޓީ ވީކް ރަން އެއްވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް އިފްތިތާހުކުރުން / ހާދިސާތަކުގައި ނިޔާވި މީހުންގެ ހަނދާނުގައި ބޭއްވި ސުކޫތު -- ފޮޓޯ: އެމްޕީއެލް

ޕޯޓް ސޭފްޓީ ވީކް އިފްތިތާހު ކުރުމަށް މއިަދު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، އެމްޕީއެލް ތެރޭގައި ހިނގާފައިވާ ހާދިސާތަކުގައި ފުރާނަގެއްލުނު ފަރާތްތަކުގެ ހަނދާނުގައި 30 ސިކުންތުގެ ސުކޫތެއް ބާއްވާފައެވެ.

މި ހަރަކާތާ ބެހޭގޮތުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ހަރަކާތް ބޭއްވުމުގެ ބޭނުމަކީ ތަނުގެ ތެރޭގައި ރައްކާތެރިކަމުގެ ސަގާފަތެއް ތަނުގެ ތެރޭގައި ގާއިމް ކުރުން ކަމަށެވެ. ސީއީއޯ ވިދާޅުވީ މިކަމުގެ ބޭނުމަކީ ތަނުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސިކުނޑީގައި އެކްސިޑެންޓްތައް ހިނގުމަކީ ގާތް ކަމެއް ކަމާއި ޕޯޓުގެ މަސައްކަތުގައި ރައްކާތެރިކަން އިސްކުރުމުގެ މުހިންމުކަން އަށަގެންނެވުން ކަމަށެވެ.

ޝާހިދު ވިދާޅުވީ ކިތަންމެ ވަރަކަށް ގަވައިދު ހެދި ނަމަވެސް، އެ ގަވައިދުތަކަށް އަމަލު ކުރުމަކީ ނާދިރު ކަމެއް ކަމަށެވެ. އަދި ގާނޫނާއި ގަވައިދުތައް ހެދުމުގެ ބަދަލުގައި، ޕޯޓުގައި މަސައްކަތްކުރާ މީހުން އަމިއްލައަށް ރައްކާތެރިކަމަށް އިސްކަން ދިނުމަކީ އެއީ މަސައްކަތުގެ މާހައުލުގައި އެކްސިޑެންޓުތައް މަދުކުރުމުގައި އިސް ދައުރެއް އަދާ ކުރާނެ ކަމެއް ކަމަށެވެ.

އެމްޕީއެލުން ޕޯޓު ސޭފްޓީ ވީކް ބާއްވަން ފެށިފަހުން، އެމްޕީއެލް ތެރޭގައި ހިންގާ އެކްސިޑެންޓުތައް ނިސްބަތުން މަދު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޕޯޓް ސޭފްޓީ ރަންއާ ބެހޭގޮތުން ޝާހިދު ވިދާޅުވީ، މި ދުވުމަކީ ހަމައެކަނި ޕޯޓް ސޭފްޓީ ވީކްގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެއް ނޫން ކަމަށެވެ. އަދި މިއީ މުޅި ރާއްޖޭގައި ބާއްވާ އޮކިއުޕޭޝަނަލް އެންޑް ހެލްތް ސޭފްޓީ ކެމްޕޭނެއްގެ ގޮތުގައި ފުޅާ ވެގެން ދާން އެދޭ ކަމަށެވެ. ޕޯޓް ސޭފްޓީ ރަންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓް މެދުވެރިކޮށް، ރަޖިސްޓަރ ވެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *