ޖުމްހޫރީ މައިދާނުގައި ވިނަގަނޑު އިންދާ ފެހި ކުރުމުގެ މަސައްކަތް: ފޮޓޯ: މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ބާއްވާ ހާއްސަ ޖަލްސާއަށްޓަކައި ހޯމް މިނިސްޓްރީގެ ފަރާތުން ޖުމްހޫރީ މައިދާން ތައްޔާރުކުރިއިރު އެތަނުގައި އަލަށް ހެއްދި ވިނަގަނޑަށް ގެއްލުންތަކެއް ލިބިފައިވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، ހޯމް މިނިސްތްރީއާއެކު އެ ޖަލްސާއަށްޓަކައި ބޭއްވި ބައްދަލުވުންތަކެއްގައި އެތައް ފަހަރެއްގެ މަތިން ވިނަގަނޑަށް ބަލައިގެން މަސައްކަތް ކުރުމަށް އެދިފައިވާނެ ކަމަށެވެ.

ނަމަވެސް ވިނަގަނޑު ރަނގަޅަށް ނުހެދެނީސް އެތަނުގައި ތަކެތި ބެހެއްޓުމުގެ ސަބަބުން ވިނަގަނޑަށް ގެއްލުން ލިބިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މޭޔަރު މުއިއްޒު ވަނީ އެ ސަރަހައްދުގެ ވިނަގަނޑަށް ގެއްލުން ލިބިފައިވާތަން ދައްކައިދޭ ފޮޓޯތަކެއްވެސް އާންމުކުރައްވާފައެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގެ ތައްޔާރީތައް ހޯމް މިނިސްޓްރީން ޖުމްހޫރީ މައިދާނުގައި ކުރަމުންދާއިރު ސިޓީ ކައުންސިލުން އެތަނުގައި ވިނަގަނޑު އިންދާ ފެހި ކުރަން ފެށީ މީގެ ހަފްތާއެއް ކުރިންނެވެ. މުއިއްޒު ވިދާޅުވީ މިނިސްޓްރީން ތައްޔާރީތައް ކުރިޔަށް ގެންދަނީ ކައުންސިލުން ކުރި އެ މަސައްކަތަށް އެއްވެސް ބެލުމެއް ނެތި ކަމަށެވެ.

މުއިއްޒު ވަނީ އެ ވިނަގަނޑު އެންމެ ފުރިހަމައަށް ހެދޭނީ ތިން ހަފްތާވަންދެން ޓްރީޓު ކުރުމަށް ފަހުކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. މޭޔަރު މުއިއްޒުގެ މި ވާހަކަތަކަށް ހޯމް މިނިސްޓްރީގެ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *