އަށާރަ އަހަރު ކުރީގެ އެ ހަނދާންތައް މަޑިފުށީ ރައްޔިތުން ދަރިންނަށް ކިޔައިދެނީ އަދިވެސް ކަރުނައާއެކުއެވެ. އެރަށަށް ނިސްބަތްވާ އައްބާސް އަހުމަދަކީވެސް އެފަދަ އެކަކެވެ. އޮމާން ދުވަހަކަށް ރަށް ހޭލި ތަނާހެން ބޮޑު ރާޅުތަކެއްގައި ރަށް އެފުށްމިފުށަށް ޖަހާލި އެދުވަސް، އޭނާގެ ހަދާނުގައި އަދިވެސް ކެނޑިނެގިފައި އެބަހުއްޓެވެ. އެއީ އިއްޔެވީ ކަމެއް ފަދައިންނެވެ.
ޑިސެމްބަރު 26، 2004 ގެ ހެނދުނު އިންޑޮނޭޝިއާގެ ސުމާޓްރާއަށް އައި ބާރުގަދަ 9.1 މެގްނިޓިއުޑްގެ ބިންހެލުމަކާއެކު، އިންޑިއާ ކަނޑުގެ ބިޔަ ވަރުގަދަ ބާނިތައް ގަޑިއިރުތަކެއްފަހުން ރާއްޖޭގެ ގޮނޑުދޮށްތަކަށް އަރައިގެން އައި ވާހަކަތަކަކީ އެދުވަސް ތަހައްމަލުކުރި އެއްވެސް މީހަކަށް ހަދާން ނުނެއްތޭނެ ވާހަކަތަކެއްކަމަށް އައްބާސް ކިޔައިދިނެވެ.
ރާއްޖޭގެ އެކި ރަށްތަކަށް އެބިޔަ ރާޅުތައް ބިންދާލިއިރު، ސަލާމަތްވީ މަދު ރަށެކެވެ. އައްބާސް ނިސްބަތްވާ މަޑިފުށިވެސް ހިމެނިގެންދިޔައީ އެރާޅުތަކުގެ އަސަރު އެންމެ ގަދަޔަށް ކުރި އެއް ރަށަށެވެ.
"ހަދާންވޭ، ބަނދަރުގަ އޮތް ދޯނިތަކެއްގަ ނިދަން ޖެހުނީ ފުރަތަމަ ދެ ރޭ. ގެތައް އެއްކޮށް ހަލާކުވެ ހަޑިވެފައި ހުރީމަ ކުނިތަކުން. އޭގެ ފަހުން ރަށުގަ ހުރި ސްޓޭޖެއް މަތީގަވެސް ނިދިން. އެގޮތަށް ދިޔަ ދެ ތިން ރެޔެއް އެންމެ ފުރަތަމަ ސުނާމީއަށްފަހު. އެކި ފަރާތްތަކުގެ އެހީ އަންނަން ފެށި ވަރަށް އަވަހަށް. އެކަމަކު ބޯހިޔާވަހިކަމެއް ލިބުނީ ހަފްތާއެއް ފަހުން، އެއީ މުޅި ރާއްޖެއަށް އަސަރުކުރިކަމެއް ވީމަ ހުރިހާ ރަށެއްގެ މީހުންހެން ކަހަލަ ގޮތަކަށް ހާލުގަ ޖެހިފަ ތިބީ،
ބޮޑު ރާޅަށްފަހު އެންމެ ފުރަތަމަ މަޑިފުށީގެ ހާލަތު ހުރި ގޮތް އައްބާސް ކިޔައިދިންއިރު އައްބާސްގެ އަޑުން އެދުވަހުގެ ހިތާމަ ސާފެވެ. އަމިއްލަ ގެދޮރާއި ދިރިއުޅުން ލޯމައްޗަށް ފުނޑުފުނޑުވެ، އާއިލާ ބިކަވި އެދުވަހަކީ އެކަން ތަޖުރިބާ ނުކުރާ މީހަކަށް ނޭނގޭނެފަދަ ހިތްދަތިކަމެކެވެ.
ދޯންޏާއި ސްޓޭޖު މަތީގައި ހަފްތާއެއްހާ ދުވަސްވަންދެން ތަންމަތި ހެދުމަށްފަހު މަޑިފުއްޓަށްވެސް ބޯހިޔާވަހިކަން ލިބިގެންދިޔައީ ދިވެހިންގެ މެދުގައި ނަން މަޝްހޫރުވި ސުނާމީ ޓެންޓުތަކުންނެވެ. ހުދު ކުލައިގެ ސަތަރި އެ ޓެންޓުތައްވީ އެވަގުތަށް މަޑިފުށި ރައްޔިތުންނަށް ލިބުނު ނިއުމަތަކަށެވެ. ސުނާމީއަށްފަހު އެނބުރި އައުމެއް އޮތް ކަމުގެ ފާލަކަށެވެ.
"ހަމަ ވަރުގަދަ ޓެންޓު އެއީ ގާތްގަނޑަކަށް ދިހަ ވަރަކަށް ފޫޓުގެ. ދެން އޭރު ތިއްބެވީ ކަތީބު ބޭފުޅުން އެ ޓެންޓުތައް ބެއްސެވީ. ހަމަ ކޮންމެ ޓެންޓެއްގަހެން ރަށުގެ އާއިލާއެއް ދިރިއުޅުނީ. އަތިރިމަތީގަ ޓެންޓުތައް ޖަހައިގެން ނިދީ. އޭރު ރޭގަނޑު އަލިކުރީވެސް ހަމަ ފުޅިބައްތިން،
އެދުވަސްވަރަކީ މުޅި ރާއްޖެހެން އެހީއަށް އެދި އެދި އޮތް ދުވަސްވަރެކެވެ. އެހެންވެ އައްބާސްމެން ޓެންޓުތަކަށް ބަދަލުވިއިރުވެސް މަޑިފުއްޓަކު އަދި ކަރަންޓެެއް ނެތެވެ. ރާޅާއެކު ރަށުގައި ހުރިއްޔާ ހުރި މުދަލަކާއި ކާނާއެއްވެސް ހުރީ ފަނާވެފައެވެ. ކޮއްތަށްޓަކައި އެދުވަސްވަރު މަޑިފުށި މުޅިންހެން ބަރޯސާވީ އެހީއަށެވެ.
ދީލަތި އެހީގެ އަތްތައް ލިބެމުންދިޔައީ ސަރުކާރާއި، ރެޑް ކްރެސެންޓާއި އިންޑިއާ އަދި އެމެރިކާގެ އިތުރުން މާލޭގައި ތިބި ރަށު ރައްޔިތުންވެ ފަރާތުންނެވެ. ހާލުދެރަކޮށް އޮތް މަޑިފުއްޓަށް އެތަކެތި ގެންގޮސްދިނީ ހެލިކޮޕްޓަރުންކަމަށް އައްބާސް ބުނެއެވެ. އެހީގެ ކޮއްތުން އެތައް ރެޔަކު ހެން މުޅި ރަށުގެ ހުރިހާ ރައްޔިތުން ގުޅިގެން އެންމެންނަށް އެއް ތެއްޔަކުންކަހަލަ ގޮތަކަށް ކެއްކިކަމަށް އައްބާސް ހަދާންކުރިއެވެ.
"އޭރު ކައިބޮއެ އުޅުނީ ހަމަ މި ހުންނަ ކޯސްޓު ކިރާ މަސްދަޅާއި، ކާޑުގެ ބާވަތްތައް. އެއެއްޗިހި ގެނައީ ހެލިކޮޕްޓަރުން މިކޮޅަށް. އަންނައުނު ކަހަލަ އެއްޗިހިވެސް. އެގޮތަށް ގިނަ ރޭރޭ ރަށު އެންމެންވެގެން ކެއްކީވެސް. ވަރަށް ގުޅިގެން ރަށު އެންމެންވެސް އުޅުނީ،
މަޑިފުއްޓަކީ އެކަކުވެސް އެކަނިކޮށްލާނޭ ރަށެއްނޫންކަން އައްބާސްއަށް އޭރުވެސް އިހުސާސްވިއެވެ. ކޮންމެފަދަ ކަމެއް ވިޔަސް، އެރަށަކީ އަބަދުވެސް އެކަކު އަނެކަކަށް ބަލައި ދޫކޮށްނުލާނޭ ބަޔަކު އުޅެމުން ދިޔަ ރަށެކޭ އައްބާސް ބުނަނީ އެ ހަދާންތަކާ ހެދިއެވެ.
މާގިނަ ދުވަހެއްނުވެ ސަތަރި ޓެންޓުގެ ދިރިއުލުމުން މަޑިފުށީގެ އާންމުން ދެން ބަދަލުވީ ފްލައިވުޑް ފިލާ އަދި ދަގަނޑު ހޮޅި ޖަހައިގެން ހެދި އެޔަށްވުރެ ވަރުގަދަ ޓެންޓުތަކަކަށެވެ. އޭރު ރަށުގައި ދިޔައީ ސާފުކޮށް މަރާމާތު ކުރެވެން ހުރި ގެޔެއްވިއްޔާ މަރާމާތުކުރަމުންނެވެ.
އާ ޓެންޓުތަކުގައި އައްބާސްމެން ގާތްގަނޑަކަށް ދެ ތިން މަސް ދިރިއުޅުނެވެ. އޭގެ ފަހުން ބަދަލުވެވޭ ފެންވަރެއްގައި ހުރި ގެޔަކަށްވިއްޔާ އެއްބައި މީހުން ބަދަލުވާން ފެށިއެވެ. އެކަމަކު ބައެއް މީހުން 2010 ވަނަ އަހަރާއި ހަމަޔަށްވެސް ޓެންޓުތަކުގައި ދިރިއުޅުނުކަމަށް އައްބާސް ބުނެއެވެ.
"2010 ވަންދެންވެސް އުޅުނު ބައެއް މީހުން. އެއީ ރަށުގެ ގޯތީގެ ކަންތައް ކައުންސިލުން ހަމަޖައްސަންދެން. ވަރަށް ހިތްދަތި ދެރަ ދުވަސްތަކެއް އެއީ ދިރިއުޅުމަށް ތަހައްމަލުކުރަންވެސް، ކިޔައިދޭން ނޭނގޭނެހާ. އެކަމަކު އިރާދަފުޅާއެކު އެދުވަސްވެސް ގޮއްސި،
އައްބާސް ދެން ކިޔައިދިނީ މަޑިފުށީ ރައްޔިތުންގެ އެތައް އަހަރެއްގެ މަސައްކަތުގެ ވާހަކަތަކެވެ. ސުނާމީއަށްފަހު އަހަރުތައް ފާއިތުވަމުންދިޔަ ވަރަކަށް 1،000 އެއްހާ މީހުންގެ އާބާދީއެއް އޮތް މަޑިފުށި އަލުން އާންމު ހާލަތާ ދިމާލަށް ދިޔަ ވާހަކަތަކެވެ. ފަސްގަނޑުން ލޮނުގެ އަސަރު ނުކެނޑެނީސް ރަށު ރައްޔިތުންގެ ހިތްވަރުގަދަކަމުން އަމާޒު ހިފީ ފިހާރަތައް ހުޅުވުމާއި، ގެތައް އިމާރާތް ކުރުމާއި، މިސްކިތް ހެދުމަށެވެ. އެ މަސައްކަތްތަކުގައި ބައިވެރިނުވާ ވަކި މީހެއް ނެތެވެ.
އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއިން އަރައިގަތުން، ރާޅުގެ އަސަރު އެންމެ ގަދަޔަށް ކުރި އެހެން ކޮންމެ ރަށެކޭ އެއްގޮތަށް މަޑިފުއްޓަށްވެސް އުނދަގުލެވެ. މަޑިފުއްޓަކީ އޭރު އެންމެ ތަރައްގީވެފަ އޮތް ރަށެއް ނޫނެވެ. ސުނާމީއަށްފަހު އެރަށަށް ޖެހުނީ ހުސް ކަރުދާސްގަނޑެއްްގައިހެން މުޅިން އަލުން ފަށާށެވެ. ރައްޔިތުންގެ ދިރިއުޅުންވެސް ހަމަ ދިޔައީ އެޒާތަށެވެ.
ސުނާމީ އެރިތާ 17 އަހަރު މިއަދު ފާހަގަކުރާއިރު އައްބާސް އޭރު ރަށް ހަދާންހުންނަ ގޮތާއި މިއަދު އެރަށް އޮތް ގޮތް އިންތިހާއަށް ތަފާތެވެ. ކާރިސާގެ ހަދާންތައް ރަށު ރައްޔިތުން ހަދާނުގައި ހުއްޓަސް ރަށު ތެރެއިން ފެންނަ ފެނުމުގައި މިއަދު މަޑިފުއްޓަކީ ސުނާމީއެއް އަރައި ސުންނާފަތިކޮށްލި ރަށެކޭ ބުނުމުން ގަބޫލުކުރާނީ އެކަން ދަންނަ، ފެނުނު އަދި ތަޖުރިބާކުރި ބައެކެވެ.
ބިން ހިއްކައިގެން ބިމުގެ ތަނަވަސްކަން މިއަދު އޮތް އެރަށުގައި ގޯތި ނެތް ރައްޔިތެއް ނެތް ފަދައެވެ. ސުނާމީއަށްފަހު ކައުންސިލްގެ ފަރާތުން ރައްޔިތުންގެ ގޯތި އެޅުމުގައި ބޮޑެތި ބުރަ މަސައްކަތްތަކެއް ކުރެވުނެވެ. އަދި ކޮންމެ ގޯއްޗެއްގައިވެސް މިއަދު ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ އެޕާޓްމެންޓެއް އެންމެ ރަނގަޅު ފެންވަރަށް ހަދާފައި ހުރި ތަން މަޑިފުށިން ފެންނާނެއެވެ.
"އަސްލު އޭގަ ހަގީގަތަކީ ހިތްވަރުގަދަވުމާއި ދެން ލިބުނު އެހީތެރިކަން. ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން. ރަށާއި ދިރިއުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އައި. ހަގީގަތުގަ އަރައިގަނެވުނީ ހަމަ ލިބުނު އެހީތެރިކަމުގެ ސަބަބުންނާ ހިތްވަރުން. މިހާރުގެ މަޑިފުއްޓަކީ އޭރުގެ ރަށްފުށު ދިރިއުޅުމުގަ އޮތް ރަށެއް ނޫން. އެޔަށްވުރެ 100 ޕަސަންޓު ކުރީގަ އޮތް ރަށެއް މިއީ މިހާރު،
ގައުމަށް ދިމާވި އެންމެ ހިތާމަވެރި އަދި އެންމެ ބިރުވެރި ކާރިސާގެ މައްޗަށް އެތައް އަހަރެއްގެ މަސައްކަތުން ކާމިޔާބީ ހޯދި އެންމެ ފާހަގަކުރެވޭ އެއް ރަށަކީ މަޑިފުއްޓެވެ. އެދުވަހުގެ ބިރާއި ހިތްދަތި ވާހަކަތައް މިއަދު ދަރިންނަށް ކިޔައިދޭ މީހުން އިތުރު ވާހަކައެއްވެސް ދަރިންނަށް ކިޔައިދެއެވެ. ބުރަ މަސައްކަތާއި ވަރުގަދަ އެނބުރި އައުމެއްގެ ފަހުރުވެރި ވާހަކައެކެވެ.
ދޯނިތައް މަތިންނާއި ސްޓޭޖުތަކުން ސަތަރި ޓެންޓަށް، އަދި އެޔަށްފަހު ފްލައިވުޑާއި ދަގަނޑު ޓެންޓުން ދެ ތިން ކޮޓަަރީގެ ރީތި އެޕާޓްމެންޓްތަކަކަށް ކުރި ދަތުރުގެ ވާހަކައެވެ.
ސުނާމީގައި ރާއްޖެއިން ޖުމްލަ 82 މީހަކު މަރުވިއިރު 26 މީހުން ވީނުވީއެއް ނޭނގި ގެއްލުނެވެ. ރާއްޖޭގެ ބައެއް ރަށްތައް ފަޅުވިއެވެ. އެދުވަހު މަޑިފުއްޓެކޭ އެއްގޮތަށް މުޅި ރާއްޖެއިން ދަައްކުވައިދިނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލުމާއި ލޯތްބެވެ. ސުނާމީގެ ކާރިސާގެ ހަދާނުގައި މިއަދު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހަކީ ދިވެހިން ދިވެހިންގެ ގޮތުގައި އެންމެ ފުރިހަމައަށް ފެނިގެން ދިޔަ ދުވަހެވެ.