ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ ކައިރިން މިރޭ ފެނުނީ ކުނި އަޅާފައި ހުރި ފޮށްޓެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
މުލިއާގެ ކައިރިން ޝައްކު ކުރެވޭ އެއްޗެއް ފެނިގެން މިރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުންނާއި ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެހާދިސާއާއި ގުޅިގެން ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް އޮތްތޯ ކަށަވަރުކުރުމަށް އެ ސަރަހައްދުގައި ސިފައިންގެ އީއޯޑީ (އެކްސްޕްލޯސިވް އޯޑްނޭންސް ޑިސްޕޯސަލް) ޓީމުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން މިރޭ ބުނީ މިއަދު 18:00 ހާއިރު މުލިއާގޭގެ ހުޅަނގު ދެކުނުން އޮންނަ މަގުގެ ކަންމަތީ މަގެއްގެ ޕޭމަންޓު މަތިން ގޮތް ނޭނގޭ ފޮށްޓެއް ފެނިފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފްގެ އީއޯޑީ ޓީމުން އެ ސަރަހައްދަށް ގޮސް ބެލިއިރު ޝައްކު ކުރެވިގެން ފާހަގަކުރެވުނު އެއްޗަކީ ކުނި އަޅާފައި ހުރި ފޮށްޓެއްކަމުގައި އެމްއެންޑީއެފުން ބުނެއެވެ. ފެނުނު ފޮށީގެ ސައިޒުގައި ގާތްގަނޑަކަށް ކެބިން ބޭގެއް ވަރު ހުންނާނެކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ، އެ ފޮށި ކްލިއާކޮށް އޭގެން އެއްވެސް ނުރައްކަލެއް ނެތްކަމަށް މިރޭ 19:30 ހާއިރު ސިފައިން ކަނޑައަޅައި ނިންމާފައިވާކަމަށެވެ.