ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާތަބު ކުރައްވާ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި، އައްޑަނަ ދިނުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށެވެ.
އަދި އެ ރަސްމިއްޔާތުގައި އިނާމު ދޭން ހަމަޖައްސާފައި ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަކަމާއެކު، ގައުމީ ފެންވަރުގައި ބޭއްވޭ ދެ ޖަލްސާއެއްގައި އިނާމު އަރުވާގޮތަށް ނިންމެވުމާ ގުޅިގެން، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، 117 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމަށް ފަހު ބާކީ ތިބި 106 ބޭފުޅުންނަށް ކަމަށެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ ބާއްވަވާ ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެންނާނެ ކަމަށާއި، އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުންވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެއިތުރުން، މި ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ހހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އެ މަނިކުފާނުގެ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.