ފަތުރުވެރިން

އަހަރު ނިމެން ފަސްވަރަކަށް ދުވަހަށް ވެފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، އަހަރަށް ކަނޑައެޅި ޓާކެޓާއި ކައިރިކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށްބަލާއިރު، މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 1،271،020 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. އަދި ރެކޯޑް އަދަދަކަށް ރާއްޖެ ފަތުރުވެރިން ޒިޔާރަތްކުރި 2020 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،702،887 ފަތުރުވެރިންނެވެ.

މިއަހަރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަސްތައް:

  • ނޮވެމްބަރު މަސް: 144،725 ފަތުރުވެރިން
  • އޮގަސްޓު މަސް: 143،599 ފަތުރުވެރިން
  • އޮކްޓޯބަރު މަސް: 142،066 ފަތުރުވެރިން
  • ސެޕްޓެމްބަރު މަސް: 114،896 ފަތުރުވެރިން

މީގެއިތުރުން މިހިނގާ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން  22 ވަނަ ދުވަހުގެ ނިޔަލަށް 113،367 ފަތުރުވެރިން ވަނި ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 286،434 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ލިސްޓުގެ ދެވަނާގައި އޮތް ރަޝިޔާއިން 214،232 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން ޖަރުމަނުވިލާތުން 90،732 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 916 ތަނެއް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި ހިމެނެނީ 161 ރިސޯޓާއި، 612 ގެސްޓްހައުސްގެ އިތުރުން 143 ސަފާރީއެވެ.  މިއީ 52,922 ބެޑް ކެޕޭސިޓީއެވެ.

މިއަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ އަހަރު ނިމުމުގެ ކުރިން 1.3 ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *