ރައްޔިތުންނަށް ޚިދުމަތްތައް ދޭ ފަރާތްތަކުން އެ ޚިދުމަތްތައް ދިނުމުގައި ވީހާވެސް ލުއިފަސޭހަކޮށް އެކަންކަން ކޮށްދިނުމަށް އަބަދުވެސް ވިސްނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިހެން ވިދާޅުވީ އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބުރައީސް ވިދާޅުވީ، ޚިދުމަތްތައް ދިނުމުގައި، އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ޚިދުމަތެއްކަމުގައި ވަނީނަމަ އެމީހަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ތަފާތުކުރުމެއްނެތި އެ ޚިދުމަތެއް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ކުންފުނިތަކާ އަދި ދައުލަތުން ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިޙްލާޞްތެރިކަމާއެކު، ކޮންމެ ރައްޔިތަކަށްވެސް ޚިދުމަތް ދިނުމަށާއި އަދި އެއީ އަވަހަށް ކޮށްދޭންޖެހޭ ކަމެއްކަމުގައި ވާނަމަ ލަސްނުކޮށް އެކަމެއް ކޮށްދިނުމަށް ސަމާލުކޮށްދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ނައިބުރައީސްގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި ޞިއްޙީ ޚިދުމަތް ހޯދުމުގައި، ޚާއްޞަކޮށް އަވަސް ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ ފަރާތްތައް ފޮނުވުމުގައި ކުރިމަތިވި ގޮންޖެހުންތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ މި ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ޤައުމުތަކުގެ ބޯޑަރުތައްވެސް ބަންދުކޮށްފައި އޮއްވާ އަވަސް ފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައި އޮވެމެ، ރާއްޖެއިން އަވަސްފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްކަށް ޚާއްޞަ ހުއްދައެއްގެ ދަށުން އެ ފުރުޞަތު ފަހިކޮށްދެއްވީތީ އިންޑިޔާ ސަރުކާރާއި އެކަމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ނައިބުރައީސް ޝުކުރުއަދާކުރެއްވިއެވެ.
ނައިބުރައީސް ވަނީ ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު، ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރަމުންގެންދާކަން ފާހަގަކުރައްވައި، ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އާސަންދަ މޮބައިލް އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވާފައެވެ.
މީގެއިތުރުން އާސަންދަ ކުންފުނީގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑްތައް އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މި ޙަފްލާގައި އާސަންދަ ކުންފުނީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ.