އަދާލަތުން އިންތިޒާމްކުރި ދީނީ ދަރުސްއެއްގެ ތެރެއިން -- ފޮޓޯ: ސަން

މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތުހުރި ގޮތެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ އިންޑިއާ އާ ދެކޮޅަށް އިދިކޮޅުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް އުޅުއްވާ، ހަރަކާތްތެރިވެވަޑައިގަންނަވާ މައްސަލައިގައެވެ.

މި މައްސަލައިގައި އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ޚާރިޖީ ސިޔާސަތުގެ އަސާސީ އަމާޒަކަށް ވާންވާނީ ދިވެހިންނާއި ގައުމުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ. އަދި ރާއްޖެ އަކީ އިންޑިއާ ކަނޑުގައި އޮންނަ ގައުމަކަށްވާއިރު، އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމަކީވެސް ޚާރިޖީ ސިޔާސަތުގައި ރިއާޔަތްކުރަންޖެހޭ ކަމެއް ކަމަށެވެ.

ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތުހުރި ގޮތް ނޫން ކަން ފާހަގަކޮށް އެ ޕާޓީން ބުނީ ތަރައްގީ އާއި އެނޫން ވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލުކުރުމަށްޓަކައި އަވަށްޓެރި ގައުމުތަކާއި ހެޔޮއެދޭ ގައުމުތަކާއި ގުޅުންބަދަހިކުރަން ޖެހޭ ކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

މިކަން ފާހަގަކޮށް އަދާލަތުން ވަނީ ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްގީއަށް އެހީތެރިވެދޭ ވެރިންނާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް، ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް ކުށްވެރިކޮށްފައެވެ. އަދި ވަކިން ޚާއްސަކޮށް، އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ރައީސް ޔާމީނު އިސްވެހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު ކަންބޮޑުވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ޒަމަންވީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަތީޖަކަމަށް ބުނެ އަދާލަތުން ވަނީ މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތަކަކީ ޔާމީނުގެ ވެރިކަމުގައި އެކަންކަމުގެ ބިންގާ އަޅުއްވާފައިވާ ކަންތައްތައްކަން ފާހަގަކޮށްފައެވެ.

އަދި މި ހަރަކާތުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ، ގައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުންވުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި ޢަދާލަތުން ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަމަށް ވެސް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *