މާލޭގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާތީ ހުއްޓުވުމުން ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި އެ މައްސަލައަކީ މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ ހަތަރު މީހަކު މަޖީދީ މަގާއި ދިލްބަހާރު މަގު ގުޅޭ ސަރަހައްދުގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވުމުން ފުލުހަކު އެމީހުން ހުއްޓުވީތީ އެ ފުލުހަށް ހަމަލާދިން މައްސަލައެކެވެ.
މަޖީދީ މަގާއި ދިލްބަހާރު މަގު ކައިރިން ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން އައި އެ ފުލުސް މީހާ އެމީހުން ހުއްޓުވުމުން އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އަޅައި އެ ފުލުސް މީހާއަށް އެމީހުން ހަމަލާދީ މާރާމާރީ ހިންގައި ބިރުދައްކައި އިންޒާރުދީފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައިގެ ތުހުމަތުގައި އިއްޔެ ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތިން މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ތިން މީހުންކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ:
- ސ. ފޭދޫ، ވީނަސްވިލާ، މުހައްމަދު ވިއާމް (27)
- ސ. ހިތަދޫ، ފާނަފިލާގެ، ހަސަން އަލީމް (22)
- ކ. މާލެ، ދަފްތަރު ނަންބަރު ދރ2841، ޝާން އަބްދުﷲ (20)
ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ހަފްތާއަކަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕް ހަދައިގެން އެފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، އެފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ފުލުހުން ކުރަމުން ގެންދާނެކަމަށެވެ.