ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތައް ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް އެދި އިހުތިޖާޖު ކުރަނީ. ފޮޓޯ: އެމްވީކްރައިސިސް

މުއްދަތު ހަމަވާން ކައިރިވެފައިވާ ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިޑް އިތުރުކޮށްދިނުމަށް ގޮވާލާ އެ ފްލެޓްތަކުގައި ދިރިއުޅޭ އާންމުންގެ ބަޔަކު މިއަދު އެސަރަހައްދުގައި އެއްވުމެއް ބާއްވައިފިއެވެ.

މިއަިދު ހަވީރުގެ ވަގުތެއްގައި ފެށި އެ އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު އެއްވުމުގައި މައިގަނޑުު ގޮތެއްގައި ގޮވާލީ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށެވެ. އެއްވުމުގެ ބައިވެރިން ބުނަނީ ސަރުކާރުން ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެމަސައްކަތް އެކި ސަބަބުތަކާހުރެ އެކަށީގެންވާ ގޮތެއްގައި ކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑު ނުވަތަ ކުލި ނަގަން ފަށާ ތާރީހަކީ އަންނަ މަހެވެ. އެހެންނަމަވެސް އަދިވެސް ގިނަ  ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިމެއެވެ.

ހިޔާ ފްލެޓްތަކުގައި އުޅޭ އާންމުން ބުނާ ގޮތުގައި ފިނިޝިން މަސައްކަތަކީ އަގުބޮޑު މަސައްކަތެއްކަމުން އެކަމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ޖެހެއެވެ. އަދި އޭގެ އިތުރުން ފިނިޝިން މަސައްކަތް ކުރަން ބޭނުންވާ ސާމާނު އަގުބޮޑުވުމާއި އެތަކެތި ލިބުމުގައިވެސް ދަތިތަކެއް އުޅޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. 

އެ ސަބަބުތަކަށްޓަކައި ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް، ހިޔާ ޔޫނިއަނުންނާއި، އެތަނުގައި ދިއިރުޅޭ ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ގޮވާލަމުންނެވެ. އަދި މިފަހުން ސަރުކާރުން ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާކުރާކަމުގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 6،720 ފްލެޓަށް ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހެނީ 7،500 ރުފިޔާއެވެ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި އިތުރު 1،000 ރުފިޔާއާއެކު ޖުމްލަ 8،500 ރުފިޔާ އެ ފްލެޓްތަކުގެ ދިރިއުޅޭ ފަރާތްތަކުން ކޮންމެ މަހަކު ދައްކަން ޖެހޭނެއެވެ.

ހިޔާ ފްލެޓްތައް އާންމުންނަށް ދޫކޮށްފައި ވަނީ އެތަނުގެ ފިނިޝިން މަސައްކަތްތައް ނުނިންމައެވެ. މިހާރު ހިޔާ ފްލެޓްތަކުގައި 200 އަށްވުރެ ގިނަ އާއިލާ ދިރިއުޅެމުންދާކަމަށް ބެލެވިފައިވާއިރު، ބައެއް ފަރާތްތަކުން ފިނިޝިން މަސައްކަތް މުޅިން ނުނިންމާވެސް ފްލެޓްތަކަށް ބަދަލުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ހިޔާ ފްލެޓްތަކުގައި ހުރި މައްސަލަތައް ދަނެގަތުމަށް އެޗްޑީސީން ވަނީ މިދިޔަ ހަފްތާ ތެރޭ އޮންލައިން ސާވޭއެއްވެސް ފަށާފައެވެ. އެގޮތުން އެ ސާވޭގައި ފިނިޝިން މަސައްކަތް ނުނިމޭ ސަބަބުތައްވެސް ބަލާނޭއިރު، އެޗްޑީސީން ވަނީ އެ ސާވޭއިން ލިބޭ މައުލޫމާތުގެ އަލީގައި ގްރޭސް ޕީރިއަޑު އިތުރުކުރުމާއި ދޭތެރޭވެސް ގޮތެއް ނިންމަން ފަސޭހަވެގެންދާނެކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *