އައްޑޫ ސިޓީ -- ފޮޓޯ: ފޭސްބުކް

އައްޑޫ ސިޓީގައި ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ އެއްފަސް ދެރަށްކަމުގައިވާ ހުޅުދުއާއި މީދޫ އއްޑޫ ސިޓީ ކައުންސިލުގެ ދަށުން ވަކިކުރަން އާންމުންގެ ހިޔާލު ހޯދަން އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް ފައްޓަވައިފިއެވެ.

އެކަމަށްޓަކައި ރޮޒައިނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން އެދެރަށުގެ ރައްޔިތުއްނަށް ވަނީ ފައިދާ ތޯ ނުވަތަ ގެއްލުން ތޯ ބަލަންޖެހިފައިވާކަމަށެވެ. އަދި އެކަމަށްޓަކައި ވިސްނައި ބަހުސްކޮށް ހައްލެއް ހޯދަން ޖެހިފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ހުރިހާ ކަމެއްގައިވެސް އެދެރަށުގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާކަމަށެވެ. އަދި އެ ޝަކުވާތަކުގެ ހައްލު އަލަށް އިންތިހާބުވި ކައުންސިލްގެ ފަރާތުން ލިބިގެންދާނެކަމަށްވެސް ރައްޔިތުން އުންމީދުކޮށްގެން ތިބިކަމަށް ރޮޒައިނާ ފޭސްބުކްގައި ލިޔުއްވިއެވެ.

އެހެންކަމުން އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ހުޅުދުއާއި މީދޫ ވަކިކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނިންމާފައިވާކަމަށާއި އަދި އެއީ ރައްޔިތުން އެދޭ ގޮތްކަމުގައިވާނަމަ އަންނަ ފެބްރުއަރީ މަސް ތެރޭ އެކަމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ކުރެއްވި ޕޯސްޓުގައި ވަނީ އެކަމުގައި ހުޅުދޫ އަދި މީދޫ ރައްޔިތުން ދެކޭގޮތް ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ. ހުޅުދޫ އަދި މީދޫ އަކީ އައްޑޫގެ ގުޅިފައިވާ އަވަށްތައްކަމުގައިވާ މަރަދޫ، ފޭދޫ، މަރަދޫ-ފޭދޫ، އަދި ހިތަދުއާ ވަކިން އޮންނަ ދެ އަވަށެވެ.

އަދި ރަށްތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތުތަކާއެކު ހުޅުދުއާއި މީދޫގެ ބައެއް ރައްޔިތުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *