ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ އަދި ނޫސްވެރިކަމުގެ މިނިވަންކަން އޮތްކަމަށް އަދި މިސަރުކާރުން ކަންކަން ކުރަމުން އަންނަގޮތަށް ފާޑުވިދާޅުވި ވިދާޅުމާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ރޮޒައިނާ އާދަމް ސުވާލު އުފައްދަވައިފިއެވެ.
ޔާމީން އެޖަލްސާގައި ދެއްކެވި ވާހަކަތަކަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައި، އެމަނިކުފާނު ހެއްދެވީ އިތުރުފުޅެއްކަމަށްވެސް އަންނަނީ ބުނަމުންނެވެ. ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރޮޒައިނާވެސް ސުވާލުއުފެއްދެވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ކުރެއްވި އަނިޔާވެރި އަމަލުތަކުގެ ހަދާން އެމަނިކުފާނު ޖަލުގައި އޮންނެވުމުން ހަނދާންފުޅުނެތުނުކަމާއި ދޭތެރޭއެވެ.
އެގޮތުން ނޫސްވެރިން ނޫހުގައި އެއްޗެއް ލިޔުމުން މިލިއަނުން ޖޫރިމަނާކުރި ހަދާންތަކާއި މީހަކު ދައްކާ ވާހަކައެއްގެ ސަބަބުން އެހެން މީހެއްގެ އަބުރަށް އަރައިގަތީކަމަށް ބުނެ އެމީހެއްގެ މައްޗަށް ދައުވާކުރަމުން ދިޔަ ހަދާންތަކާއި ކޯޓު އަމުރަކާއި ނުލާ ފުލުހުން ސިޔާސީ ޖަގަހަތަކަށް ވަދެ ސިޔާސީ ފަރާތްތަކާއި ދޭތެރޭ އަނިޔާވެރިކޮށް އަމަލުކުރި ދުވަސްވަރުވެސް ހަނދާނުގައި އެބަހުންނެވިކަމަށް ރޮޒައިނާ ރޭ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
މީހަކު ދައްކާ ވާހަކައެއްގެ ސަބަބުން އެމީހަކު އަބުރަށް އަރައިގަތީކަމަށް ބުނެ އެމީހެއްގެ މައްޗަށް ދައުވާކުރަމުން ދިޔަ އިރުވެސް އަޅުގަނޑުމެން ހަނދާން އެބަހުރި. މީއީ ގާނޫނުތަކާއި، މަޖިލީހުގެ އޮޕޮޒިޝަން ޕާޓީއަށް މަޖިލީހަށް ވަދެވުނަ ނުދީ، ގާނޫނުތަކަށް އަމިއްލައަށް އެތާތެރޭގައި ތިބެގެން ގެނައި ބަދަލުތަކަކުން، އެ ހުދުމުހުތާރު ބަދަލުތައް ބޭނުންކޮށްގެން ރައްޔިތުންނަށް އަނިޔާވެރިވަމުން ދިޔަ ދުވަސްވަރެއް،"
ރޮޒައިނާ ވިދާޅުވީ އެ ބަދަލުތަކަކީ ރައްޔިތުންގެ މަޖިލީހަށް އޭރުގެ އިދިކޮޅު ޕާޓީތަކުން ވަނުމަށް ހުރަސްއަޅައި ގާނޫނުތަކަށް ހުދުމުހުތާރު ބަދަލުތަކެއް ގެނެސް، އެބަދަލުތައް ބޭނުންކޮށްގެން ރައްޔިތުންނަށް އަނިޔާވެރިވަމުން ދިޔަ ދުވަސްވަރެއްކަމުގައެވެ. އަދި އެދުވަސްވަރުގެ ވާހަކަތައް ޔާމީން މުޅިން އެހެން ގޮތަކަށް ސިފަކުރައްވަމުން އަންނާތީވެ ރޮޒައިނާ ވަނީ ޔާމީނަށް ފާޑުވިދާޅުވެފައެވެ.
ބޭރަށް ނިކުމެފައި މިހާރު ހަމަ އެއްވެސް ކަމެއް ނުވާކަމަށް ހަދައިގެން އެހެރަގެން ވާހަކަދައްވަނީ ހަމަ ތިމާއަކީ ހުދު ފޮތިކޮޅެއްހެން ވެރިކަން ކުރެއްވި ބޭފުޅަކަށްވެގެން. އެމަނިކުފާނަކީ ސުޕްރީމް ކޯޓުން ޓިނު ނެންގެވި ބޭފުޅާއޭ،"
ރޮޒައިނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ވަމުންދިޔަ އަނިޔާގެ ވާހަކަ ދެއްކި ގައުމެއް ވެއްޖިއްޔާ އެގައުމަކާވެސް ގުޅުން ކަނޑާލަމުން ދިޔަ މަންޒަރު އެދުވަސްވަރު ފެނިގެންދިޔަކަމަށެވެ.
އަދި ނޫސްވެރިންގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމަނިކުފާނުގެ ވެރިކަމުގައި އޮތްކަމަށް ވާހަކަ ދައްކަވަމުން ގެންދަވަނީ ރައީސް ޔާމީނަށް ކުރެވިފައި ހުރި ކަންކަން ޖަލުގައި އޮންނެވުމުން ހަނދާނުން ފޮހެވިގެން ދިޔުމުންތޯ ރޮޒައިނާ ސުވާލުކުރެއްވިއެވެ.
އެހެންވީމަ މިއަދު ރައީސް ޔާމީން އެބޭފުޅާގެ ވެރިކަމުގައި ލިބެމުންދިޔަ މިނިވަންކަމުގެ ވާހަކަދެއްކީމަ އަޅުގަނޑު ހަމަ ހިތަށް އަރަނީ ޖަލުގައި އިންނަވާއިރު ވާކަމެއް ތޯއޭ މިއީ މެމޮރީ އިރޭޒްވެގެން ދިޔުމަކީ ނޫނީ ތިމާއަށް ކުރެވިފައި ހުރި ކަންތައްތައް މުޅިން ހަނދާނުން ފިލައިގެން ދިޔުމަކީ،"
ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތަކުން މީހަކު ވެރިކަމާއި ހެދި މޮޔަވެއްޖެނަމަ، ވީކަމެއް ނުވާކަމަށްވެސް ހަދާލައިގެން، ހިނިއައިސްފައި ހުރެގެން ހިތުހުރި ވާހަކައެއް، ލަދެއްނެތި ދައްކަވަމުން ގެންގޮސްދާނެކަން މިއަދު އެމަނިކުފާނު ސާބިތުކޮށްދެއްވައިފިކަމަށެވެ.
"އެކުރައްވާ އެއްވެސްކަމަކާއި ދޭތެރޭ ލަދެއްވެސް ނެތް. ކުރީގެ އެއްވެސް ހަނދާނެއްވެސް ނެތް. އިހުސާސެއްވެސް ނެތް. ހަމަ އެއްޗެކޭ ކިޔާފަ ފާޑެއްގެ ޓީޝާޓެއް ލައިގެން ހަމަ ދެކޮޅަށް ބޭންޖަހާފަ މި ދުއްވަނީ. އެއީ މި ކުރައްވާ ކަމަކީ. ދެން ކުއްލިއަކަށް ޖަލުގައި ހުރެފަ، ނަމްބަރެއްގައި ހުރި ތަފާތަކުން، އަދި ހިޔާނާތުގެ އެތައް މައްސަލަތަކެއް ކޯޓުގައި ހުއްޓާ، އަވަހަށް މިވީ ވަގުތުކޮޅުގެ ތެރޭގައިވެސް މި ބަލަނީ ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދާލަން މަސައްކަތްކޮށްލެވޭތޯ އަވަސް އަރުވާލައިގެން"
މިމަހުގެ ހަތަރުވަނަ ދުވަހު އިދިކޮޅުން އިންތިޒާމުކޮށްގެން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކޮންމެ ވާހަކައެއްވެސް ލިޔަން ނޫސްވެރިންނަށް ޖާގަދިންކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާރު މިނިވަން ނޫސްވެރިކަމެއް ނެތްކަމަށާއި މިހާރު ނޫސްވެރިކަން އޮތީ އެހެން ގައުމެއްގެ އަތްދަށުވެފައިކަމަށް ޔާމީން އެރޭ ތުހުމަތުކުރެއްވިއެވެ.
"ދެން މިތާގަ ތިބި ހުރިހާ ނޫސްވެރިން އެތިބީ އިންޑިއާގެ އެމްބަސީން އެފޮނުވާ ލާރިިކޮޅު ނަގައިގެން. ނޫސްވެރިކަމުގެ މިނިވަންކަމެއް މިތާކު ނެތް."
ރައީސް ޔާމީންގެ ވާހަކަފުޅު މިބީދައިން ހުރިއިރު ފާހަގަކޮށްލެވޭކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި ބައެއް ނޫސްވެރިން އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާކަމާއި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އަބުރުގެ ގާނޫނުވެސް އެމަނިކުފާނުގެ ވެރިކަމުގައި ވުޖޫދުކޮށް ނޫސްތަކުން ލިޔާ ބައެއް ހަބަރުތަކުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ކަމެވެ.