ހުކުރު ނަމާދަށްފަހު މީހުން މިސްކިތުން ފައިބައިގެން ދަނީ -- ފޮޓޯ: މިހާރު

ރަސޫލުﷲ ﷺ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ފަސް ކަމެއް ތިބާއާ ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިސާ ހެޔޮގޮތުގައި ލިބިގަންނާށެވެ؛ މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިމުވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަގީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަޝްއޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ހަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ،" އެހަދީޘަކީ މިއަދުގެ ހުކުރު ހުތުބާއިން އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައެވެ.

ހަދީޘުން ދެނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ވަގުތު ފާއިތުވެއްޖެނަމަ އެއީ އަނބުރާ ނުލިބޭނެ ކަމެއްކަން މީސްތަކުންނަށް ހަދާންކޮށްދިނުމުގެ ނަސޭހަތެވެ. ހަޔާތުގެ އެއްވެސް ވަގުތެއް ބޭކާރުވިޔަނުވީ މާތްﷲގެ ރުއްސެވުމާއި، ފުއްސެވުން ލިބިގަތުމަށްޓަކައި ގަދައަޅާއި މަސައްކަތް ކުރުމެވެ. ހުތުބާގައި އެ ނަސޭހަތާއިއެކު ގޮވާލީ މާދަމާގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ވެވުނު މިންވަރަކުން މަސައްކަތް ކުރުމަށެވެ.

އަންނަން އޮތް ގިޔާމަތް ދުވަހު އިންސާނާ ދުނިޔެ މަތީގައި ކުރި ކަންތައްތަކުގެ ހިސާބު ބެއްލެވޭނެކަމަށް ހުތުބާގައި ބަރަކާތްތެރި ހުކުރު ނަމާދަށް އެއްވެ ތިބި ފަރާތްތަކަށް ހަދާންކޮށްދިންއިރު އެ ދުވަހު އިންސާނާގެ ފައި އަޅާފައި ހުރިތަނުން ގުޑުވައި ލެވޭނީ ހަތަރު ކަމަކާ ބެހޭގޮތުން ސުވާލު ކުރުމަށްފަހުގައިކަން އޭގެ ފަހަތުން ބާރު އަޅައި ހަދާންކޮށްދިނެވެ.

އެ ހަތަރު ސުވާލަކީ މީހާގެ އުމުރު ހޭދަ ކުރީ ކިހިނެތްތޯއާއި މީހާގެ ޒުވާން ދުވަސްވަރު ހޭދަކުރީ ކިހިނެތްތޯއާއި މީހާއަށް ދެއްވި އިލްމަށް އަމަލުކުރީ ކޮން ގޮތަކަށްތޯއާއި މީހާ މުދާ ހޯދި ގޮތާއި، ހޭދަކުރީ ކޮން ގޮތަކަށްތޯއެވެ. ދުނިޔޭގެ އުޅުމުގެ މައްޗަށް ކުރެވޭ ސުވާލުތަކެކެވެ.

ހުތުބާގައި ހަޔާތުން މާޒީވެގެންދާ ވަގުތުތަކަކީ އަގުބޮޑު، އެހާމެ މުހިންމު ވަގުތުތަކެއްކަން މީހުންނަށް ވިސްނުވައިދިނީ އެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރެވިއްޖެނަމަ، އެމީހަކަށް ލިބޭ ހިތާމަތައް ބޮޑުވާނެކަން ހަދުމަކޮށްދިނުމަށެވެ. އެ ހިތާމަ ލިބޭ ދުވަހު މީހާއަށް ބުނެވޭނެކަން އަންގަވައި މާތްﷲ ވަހީކުރައްވާފައިވާ ގޮތް ހުތުބާގައި އަލި އަޅުވާލިއެވެ.

"އެ ދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ. ތިމަންގެ އާޚިތަރުގެ ހަޔާތަށްޓަކައި ހެޔޮ އަމަލެއް އިސްކުޅަނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟،

ދުނިޔޭގެ ކަންކަމުގައި މީހާ ޝާމިލުވެ އުޅޭއިރު، އާޚިރަތް ދުވަސް މަތިން ހަނދާން ނެތޭކަން ހުތުބާގައި ފާހަގަކުރިއެވެ. އެކަމަށްވެސް އަލިއަޅުވާލީ ﷲ سُبْحَٰنَهُۥ وَتَعَٰلَىٰ  ބާރުގަދަ ވަހީބަސްފުޅެއް މެދުވެރިކޮށެވެ.

"މުދަލާއި ދަރިން ގިނަކަމަށް އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން ﷲގެ މަތިން ހަނދުމަ ނައްތައި މަޝްޣޫލު ކޮށްފިއެވެ. ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ."

ހުތުބާގައި އެއްވެސް އިންސާނަކަށް އޭނާއާ މަރު އައިސް ބައްދަލު ކުރާނީ ކޮން އިރަކު ކަމެއް ނޭނގޭނެކަން އަދި ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިނަމަ، ހިތާމަ ކުރުމުން ފައިދާއެއް ނުކުރާނެ ދުވަހެއްގައި ހިތާމަކުރަން ޖެހިދާނެކަމަށް ނަސޭހަތްތެރިވިއެވެ.

އުޅެވެނީ މާތްﷲ މަތިން ހަނދާން ނައްތާލެވި، ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެ ހެއްޔެވެ؟ ފަރުޟު ކުރެއްވި 5 ނަމާދު ބަރާބަރަށް އަދާކުރެވޭ ހެއްޔެވެ؟ ޤުރުއާނުން އެއްވެސް މިންވަރެއް ކިޔާލެވޭ ހެއްޔެވެ؟ ތިމާއާހެދި މަންމަގެ ލޮލުން އޮހޭ ކަރުނަ ފޮހެލަދެވޭ ހެއްޔެވެ؟ ހުރިހާ ނިއުމަތްތައް ތަނަވަސްކޮށްދެއްވި ގަދަކީރިތިވަންތަ ﷲގެ ކުޅަދުންވަންތަކަމާމެދު އެންމެ ފަހަރަކުވެސް ވިސްނައިލެވޭ ހެއްޔެވެ؟ ފަރުވާތެރިކަމާއެކި ހެޔޮ ކަންތައްތައް ކުރެވޭ ހެއްޔެވެ؟

މި މަތިވެރި ހުކުރު ދުވަހު އަމިއްލަ ނަފްސާއި މި ސުވާލުތައް ކޮށްލުމަށް ހުތުބާގައި މީސްތަކުންނަށް ގޮވާލިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *