އދ. ދަނގެތި ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާމިރު. އޭނާ އަމިއްލަ ލަފައެއްގެ މައްޗަށް ބުރަވެ ހުކުމް ކުރުމުގެ ސަބަބުން ޖޭއެސްސީން ވަނީ އޭނާގެ މައްޗަށް ފިޔަވަޅު އަޅާފަ. ފޮޓޯ: ސޯޝަލް މީޑިއާ

ޝަރީއަތަށް ހުށައަޅާފައިނުވާ ކަންތައްތަކެއްގެ މައްޗަށް ލަފައަކަށް ބިނާކޮށް ހުކުމްކުރިކަން ސާބިތުވެފައިވާތީ އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ މުހައްމަދު އާމިރުއަށް ފިޔަވަޅު އަޅައިފިއެވެ.

ޖުޑީޝަލް ޝާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުނު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިޔުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެ ގަޒިއްޔާގެ ޝަރީއަތް ހިންގުމަށް ގާޒީ އާމިރު އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން އެ ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވާކަމަށެވެ.

އޭގެ ބަދަލުގައި ގާޒީ އާމިރު އޭނާ ކުރިން ކޮށްފައިވާ ތަޖުރިބާތަކެއްގެ ސަބަބުން ވަކި ހާލަތްތަކެއް މެދުވެރިވެދާނެކަމަށް ކުރެވުނު ލަފައެއްގެ މައްޗަށް ބުރަވެ ހުކުމެއްކޮށްފައިވާކަމަށެވެ.

އަދި އެހުކުމް ބިނާކޮށްފައިވަނީ ޝަރީއަތަށް ހުށަހެޅިފައި ނުވާ ކަންތައްތަކެއްގެ މައްޗަށްކަމަށާއި އަދި އަމިއްލަ ލަފައެއްގެ މައްޗަށްކަން އދ.ދަނގެތި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާ އާމިރުގެ މައްޗަށް އެ ކޮމިޝަނުން ކުރި ތަހުގީގުގައި ސާބިތުވެފައިވާކަމަށެވެ.

ޖޭއެސްސީން ބުނީ ގާޒީ އާމިރުގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކޮށްފައިވާ އަމަލެއްކަމަށެވެ.

އެހެންކަމުން އެ ކޮމިޝަންގެ ގާނޫނުގެ ދަށުން، ގާޒީ އާމިރަށް ނަސޭހަ ދިނުމަށް ނިންމާފައިވާކަމަށާއި އަދި ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށްވެސް އޭނައަށް އެންގުމަށް އެކޮމިޝަަނުން ނިންމާފައިވާކަމަށެވެ.

ގާޒީ އާމިރު ލަފައެއްގެ މައްޗަށް ބިނާކޮށް ހުކުމެއް ކުރިއިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑަކީ ގާނޫނުތަކުގައިވާ ގޮތުންނަމަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް މީހާގެ މައްޗަށް ސާބިތުވުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *