ޖެނުއަރީ 5 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީކަމަށް އެޕާޓީން ބުނެފިއެވެ.
"ޖަޒީރާ" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ވާދަކުރާނޭ ކެންޑިޑޭޓް ހޮވުމަށް ޕާޓީގެ އެތެރޭގެ ޕްރިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ފަތުހީ އެކަނިކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ފަރާތުން ފަތުހީއަށް ކޮމަންޑޫ ދާއިރާގެ ޓިކެޓް ދޭން ނިންމާފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން ފަތުހީ ވަނީ ށ އަތޮޅު ކައުންސިލްގެ ރައީސްކަންވެސް މީގެ ކުރިން ކުރައްވާފައިވެއެވެ.
އިދިކޮޅު ކޯލިޝަންގެ އިތުރުން، ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާނެކަން ހާމަކޮށްފައިވާ އެމްއެންޕީ އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ އެޕާޓީތަކުގެ ފަރާތުން ކޮމަންޑު ދާއިރާއަށް ވާދަކުރައްވާނެ ކެންޑިޑޭޓުން ޔަގީންކޮށްފައެވެ. އެޕާޓީތަކުގެ ޕްރައިމަރީއަށްވެސް ކުރިމަތިލައްވާފައިވަނީ ކޮންމެ ޕާޓީއަކުންވެސް އެންމެ ބޭފުޅެކެވެ.
ކޮމަންޑު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ށ. ފޯކައިދޫގެ ކައުންސިލްގެ ރައީސްކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި މުހައްމަދު ރާޝިދެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނީ ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.
ކޮމަންދޫ ދާއިރާގެ ބައި އިލެކްޝަންސްގެ ވޯޓާސް ލިސްޓުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައެވެ. ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.