ތައިލެންޑުގެ ބައިނަލްއަގްވާމީ އެއާޕޯޓު. އެގައުމަށް ދަތުރުކުރުމުގައި އުސޫލުތަކަށް ބަދަލުތަކެއް ވަނީ ގެނެސްފަ.

ހަލުވިކަމާއެކު މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ އާ ވޭރިއަންޓެއްކަމުގައިވާ އޮމްރިކަންގެ ސަބަބުން ތައިލެންޑަށް ދަތުރުފަތުރުކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން ލުއިތަކުގެ ގޮތުގައި ތައާރަފްކޮށްފައިވާ "ޓެސްޓް އެންޑް ގޯ" އަދި "ސޭންޑްބޮކްސް" ސްކީމްތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައަޅާފައި ވަނީ 22 ޑިސެމްބަރުން ފެށިގެންނެވެ.

އެ ބަދަލުތައް ތެރޭގައި "ޓެސް އެންޑް ގޯ" ސްކީމްގެ ދަށުން 10 ޖެނުއަރީ 2022 ގެ ކުރިން ތައިލެންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ޑިސެމްބަރު 22 ގެ ކުރިން ތައިލެންޑް ޕާސް ކިއުއާރް ކޯޑް ލިބިފައިވާ ފަރާތްތަކަށް "ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި  ޑިސެމްބަރު 22 ގެ ކުރިން ތައިލެންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ތައިލެންޑް ޕާސް އެޕްރޫވަލް ކިއުއާރް ކޯޑް ލިބުމުން "ޓެސްޓް އެންޑް ގޯ" ސްކީމް ގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވެފައިވާ ހުރިހާ ފަރާތްތަކުންވެސް އޮން-އެރައިވަލް ޕީސީއާރު ކޮވިޑް ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރު ކޮވިޑް ޓެސްޓެއް ހަދަންޖެހޭނެއެވެ. އެޓެސްޓަކީ އެގައުމުގެ ސަރުކާރުގެ ޚަރަދުގައި ހިލޭ ހައްދާ ޓެސްޓެއްކަމަށް ފޮރިން މިނިސްޓްޜީން ބުނެއެވެ.

ޓެސްޓް އެންޑް ގޯ ސްކީމަށް މި ބަދަލުތަކުގެ އިތުރުން އިއްޔެއިން ފެށީގެން ތައިލެންޑް ޕާސްއަށް އަލަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ތައިލެންޑަށް ދަތުރުކުރެވޭނީ އަލްޓަނޭޓިވް ކަރަންޓީނު ނުވަތަ ފުކެޓް ސޭންޑް ބޮކްސް ސްކީމްގެ ދަށުންކަމަށް އެގައުމުގެ ސަރުކާރުން  ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑަށް ދަތުރުކުރާ އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހިން އެ ބަދަލުތަކަށް ސަމާލުވުމަކީ މުހިންމުކަމެއްކަމުގައެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އޭގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންވެސް އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އެ މިނިސްޓްރީން އެެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *