ރާއްޖެ އަކީ ބައިނަލްއަގުވާމީ ގުޅަ ކުޅޭ ފަސްގަނޑަކަށް ހަދައި ކޮންމެ ބަޔަކަށް ވެސް އައިސް ރާއްޖޭގެ ބިމަށް ވެރިވިޔަ ނުދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
"އިންޑިއާ އައުޓް" ކެމްޕޭނުގައި ފ. ނިލަންދޫ އަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭން ރާއްޖޭގައި ބަލިމަޑުކަމަކަށް ވުރެ ބާރަށް ފެތުރެމުންދާ ކަމަށެވެ. އެހެން އެވަނީ އިންޑިއާ މިލިޓަރީން ރާއްޖޭގައި ތިބުން އެއްވެސް ދިވެހި ރައްޔިތަކަށް ކަމުނުދާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑީއާ މިލިޓަރީ ރާއްޖޭގައި ތިބެއްޖެ ނަމަ އެތައް ގޮތަކުން ގައުމަށް ގެއްލުންވާނެ ކަމަށާއި، ގައުމުގެ މިނިވަންކަން ގެއްލޭނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެއް ގައުމުގެ އަސްކަރިއްޔާ އޮވެއްޖެ ނަމަ އަނެއް ގައުމެއްގެ އަސްކަރިއްޔާ ވެސް އަންނާނެ ކަމަށާއި، އެހެން ގޮސް ވާދަވެރިންގެ މެދުގައި ހިފަން އޮންނަ ފަސްގަނޑަކަށް ރާއްޖެ ވާނެ ކަމަށެވެ.
މިއީ ގުޅާ ހިފާ ފަސްގަނޑަކަށް ވެގެން ނުވާނެ. މިއީ ބައިބަލާ ކުޅޭ ތަނަކަށް ވެގެން ނުވާނެ. މިއީ ހަނގުރާމައިގެ ހަތިޔާރު ބަދަލުކުރާ ތަނަކަށް ވެގެން ނުވާނެ. މީކީ ބައިނަލްއަގުވާމީ ގުޅަކުޅޭ ފަސްގަނޑެއް ނޫން.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ މި ގައުމުގައި އޮތުމުން އަވައްޓެރި އަދި އިންޑިއާއާ ވާދަވެރި އެހެން ގައުމުތަކަށް އެކަން ބަލައި ނުގަނެވޭ ކަމަށެވެ. އަދި މިހާރު ވެސް އެ އަޑުތައް އިވެމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަވައްޓެރި ގައުމުތަކަށް ވެސް އިންޑިއާއިން މިފަދަ ނުފޫޒު ފޯރުވާތީ އެކަމާ ދެކޮޅަށް ހުރިހާ ގައުމަކުން ވެސް އަޑު އުފުލަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އެންމެ ގިނަ ޝިޕިން ލައިންތައް ދަތުރުކުރާ ކަނޑު ކަމަށެވެ. މި ސަރަހައްދުގައި އިންޑިއާ ސިފައިންނަށް ބޭނުން ގޮތަކަށް ހަރަކާތްތެރިވުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.