މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީ އަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ހަމައެކަނި އަބްދުލް ހަންނާން އިދުރީސް ކަމަށާއި އަދި މިހާރު ޕާޓީން އެ ކެންޑިޑޭޓަށް ތާއިދުކުރުމަށް ނިންމާފައިވާކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
އެ ޕާޓީން ބުނީ އަބްދުލް ހަންނާންއަކީ 1987 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ތައުލީމީ ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އޭގެ ތެރޭގައި ފަސް ސްކޫލެއްގެ ޕްރިންސިޕަލް ކަމާއި، ސުޕަވައިޒަރު ކަން ހަންނާންކޮށްފައިވާކަން ޕާޓީން ފާހަގަކުރެއެވެ. އޭގެ އިތުރަށް ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން ކަން ވެސް ހަންނާން ދެ އަހަރު ދުވަހު ކުރައްވާފައިވާކަމަށް ޕާޓީން ބުނެއެވެ.
އެމްއެންޕީން އެ ޕާޓީގެ ކެންޑިޑޭޓްގެ ނަން ހާމަކޮށްފައިވާއިރު، އެމްޑީޕީންވެސް އިއްޔެ ވަނީ އެ ޕާޓީގެ ކެންޑިޑޭޓުގެ ނަން ހާމަކޮށްފައެވެ. އެ ޕާޓީގެ ޕްރައިމަރީއަށްވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. އެއީ ށ. ފޯކައިދޫގެ ކައުންސިލްގެ ރައީސްކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި މުހައްމަދު ރާޝިދެވެ.
މިހާތަނަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާނެ ކަން ހާމަކުރެއްވީ އެ ދެ ޕާޓީއާއި އިދިކޮޅު ކޯލިޝަނުން އެކަންޏެވެ. އެކަމަކު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއް އަދި ޔަގީންވެފައެއް ނުވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ވަނީ ތާވަލްކޮށްފައެވެ. ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. އެ އިންތިހާބުގައި ވޯޓު ލެވޭ ފަރާތްތަކުގެ ވޯޓާސް ލިސްޓުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.