ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މަޖިލީހުގައި ތަގުރީރުކުރައްވަނީ. ފޮޓޯ: މަޖިލިސް

މިއަހަރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވި އެންމެ ފުރަތަމަ އަދި އެންމެ ފަހު ބޭރުގެ ލީޑަރުކަމުގައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ، އެކަމަނާގެ ތަގުރީރުގައި ކުރިޔަށް އޮތް 50 އަހަރަކީ ރާއްޖެއާއި ބަންގްލަދޭޝްގެ ރައްޔިތުންނަށާއި އާންމުންގެ ދިރިއުޅުމަށްވެސް ބާއްޖަވެރި އަދި ފާގަތި އަހަރުތަކަކަށް ވާނޭކަމަށް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޑިމޮކްރެސީގެ ވިންދުގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން ފަހުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވަމުން ޝޭހް ހަސީނާ ވަނީ އެއްވެސް ގައުމަކަށް ގިނިކަންނާ ނޫޅެވޭނެކަމަށާއި އަދި ކޮވިޑުގެ ސަބަބުން އެކަން ވަރަށް ސާފުކޮށް ފެނިގެންދިޔަކަމަށް ވިދާޅުވެފައެވެ. އަދި އެކުވެރި އަވަށްޓެރި ގައުމުތަކުގެ ތެރެއިން ހާއްސަކޮށް ރާއްޖެއަށް ލިބޭ ކުރިއެރުންތަކަކީ ބަންގްލަދޭޝަށް އަބަދުވެސް ހިތްހަމަޖެހުޖާއި އުފާ ލިއްބައިދޭކަމެއްކަމުގައި ޝޭހް ހަސީނާ ވިދާޅުވިއެވެ.

"މިއާއެކު އަޅުގަނޑު ގޮވާލަނީ ދެގައުމުގެ ސަރުކާރުންވެސް ގުޅިގެން ވަކިން ހާއްސަކޮށް ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ދެގައުމަށްވެސް ފައިދާވާފަދަ ގުޅުންތަކެއް ބިނާކުރުމަށް މަސައްކަތްކުރުމަށް"

ޝޭހް ހަސީނާ ވިދާޅުވީ ވިޔަފާރިއާ އިގްތިސޯދީ ގޮތުން ދެގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ބަންގްލަދޭޝްގެ މިހާރުގެ އަމާޒަކީ އެގައުމުގެ އިގްތިސޯދު ސިންދަފާތުކޮށް އިތުރު މާކެޓްތަކަށް ދަތުރުކުރުކޮށް ޑިޖިޓަލް ޓެކްނޮލޮޖީއާ ގުޅުން ބަދަހި ބަންގްލަދޭޝެއް ބިނާކުރުންކަމަށް ޝެއިހް ހަސީނާ ވިދާޅުވިއެވެ. އަދި މިހާރު ބަންގްލަދޭޝްގެ އިގްތިސޯދަކީ ދުނިޔޭގެ އެންމެ ބޮޑު 34 އިގްތިސޯދުގެ ތެރެއިން އެއް އިގްތިސޯދުކަންވެސް ޝެއިހް ހަސީނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ތަގުރީރުގައި ބަންގްލަދޭޝްގެ އަމާޒުގެ ތެރޭގައި ކުރިޔަށް އޮތް ގަރުނުގެ ތެރޭގައި ދުނިޔޭގެ ގަދަބާރަކަށްވުމުގެ އިތުރުން އެކަމަނާގެ ބައްޕާފުޅު ޝެއިހް މުޖީބުއް ރަހްމާން ގެންގުޅުއްވި ވިސްނުންފުޅުގެ ތެރެއިން ތަރައްގީ ގެނައުމަށް އެކަމަނާ އެދޭކަމަށް ޝެއިހް ހަސީނާ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އެކަމަނާގެ ތަގުރީރުގައި ވަނީ ބަންގްލަދޭޝަށް މިނިވަންކަން ގެނައުމަށް ގައުމުގެ ބާނީ އަދި އެކަމަނާގެ ބައްޕާފުޅު ޝެއިހް މުޖީބުއް ރަހްމާންގެ ހަޔާތްޕުޅުގެ މަސައްކަތްތަކަށާއި، ގައުމަށް ޑިމޮކްރެސީ ގެނައުމުގައި އެކަމަނާގެ އާއިލާއަށް އަދި އެކަމަނާއަށްވެސް ކުރިމަތިވި ހިތްދަތި އުނދަގޫތަކާއި ތަހައްމަލުކުރަންޖެހުނު ވޭނުގެ ވާހަކަތައް އަސަަރާއެކު ކިޔައިދެއްވާފައެވެ.

މިނިވަންކަމާއި ޑިމޮކްރެސީއަށް އަސަރުގަދަ ދަތުރެއް

ޝެއިހް ހަސީނާ ވިދާޅުވި އެކަމަނާގެ ބައްޕާފުޅުގެ އަމާޒަކީ ބަންގްލަދޭޝަކީ ބަނޑުހައިހޫނުކަމާއި ބޭއިންސާފުން ސަލާމަތްވެގެންވާ ގައުމަކަށް ހެެދުމަށެވެ. އަދި މިއަދު މި ފެންނަ ބަންގްލަދޭޝްގެ ހަގީގީ މޭސްތިރިޔަކީވެސް ޝެއިހް މުޖީބުއް ރަހްމާންކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެހެންކަމުން މި ފުރުސަތުގައި އަޅުގަނޑުގެ ބައްޕާފުޅު ޝެއިހް މުޖީބުއް ރަހްމާންގެ މަސައްކަތުގެ އަގުވަޒަންކުރަން ބޭނުން،

މާޒީގެ ވާހަކަތަކަށް އަލިއަޅުއްވަމުން ގެންދެވިއިރު ޝެއިހް ހަސީނާގެ އަޑުފުޅުން އެދުވަސްތަކުގެ އަސަރު އަދިވެސް ނުކެނޑެއެވެ. އެކަމަނާގެ ތަގުރީރުގައި ބަންގްލަދޭޝްގެ މިނިވަންކަމަށް ހަނގުރާމަކުރި ތިން މިލިއަނެެއްހާ "ފްރީޑަމް ފައިޓާޒް" ހަނގުރާމަވެރިންނާއި އެކިކަހަލަ ގޯނާ ތަހައްމަލުކުރަންޖެހުނު 200،000 އެއްހާ މަންމައިންނާއި އަންހެން ދަރިންގެ އަގުވަޒަން އެކަމަނާ ކުރެއްވިއެވެ.

އަދި 1971 ވަނަ އަހަރުގެ މާޗު މަސްތެރޭ ޝެއިހް މުޖީބުއް ރަހްމާން ބަންގްލަދޭޝްއަކީ މިނިވަން ގައުމެއްގެ ގޮތުގައި އިއުލާންކުރެއްވުމާއެކު އެގައުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި އެހެން ގައުމުތަކުގެ ސިފައިން އެގައުމުގައި ހިންގި ޖަރީމާތަކުގެ ވާހަކަތައްވެސް އެކަމަނާ އަސަރާއެކު ކިޔައިދެއްވިއެވެ.

މިނިވަންކަން އިއުލާންކުރެއްވުމާއެކު، އަޅުގަނޑުގެ ބައްޕަ ހައްޔަރުކޮށް ޕާކިސްތާނުގެ ޖަލަކަށް ގެންދެވުނު، ނަމަވެސް ބައްޕަގެ މަސައްކަތުން އަޅުގަނޑުމެންގެ ގައުމަށް ހިތްވަރު ލިބުނު،

ބައްޕަފުޅުގެ ބުރަ މަސައްްކަތްޕުޅަުން ލިބުނު ހިތްވަރަކީ އެއަހަރުގެ ޑިސެމްބަރު މަސްތެރޭ ބަންގްލަދޭޝަށް ލިބުނު މިނިވަންކަމުގެ ކާމިޔާބީގެ ސިއްރުކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އޭގެ ފަހުން އެކަމަނާގެ ބައްޕާފުޅު އޭގެ ޖެހިގެން އައި އަހަރު ޕާކިސްތާނުގެ ޖަލުން މިނިވަންވެވަޑައިގަތްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޖަލުން މިނިވަންވެވަޑައިގަތް ގޮތަށް އާ ގައުމެއްގެ ގޮތުގައި އުފަންވި ބަންގްލަދޭޝްގެ ހުރިހާ ޒިންމާއެއް ކޮންޑުފުޅަށް ނަންގަވައި ތިން އަހަރު ދުވަސް ތެރޭ ޝެއިހް މުޖީބުއް ރަހްމާން ގައުމު ތަރައްގީގެ މަގަށް އަޅުވަދިންކަމަށް އެކަމަނާ ފަހުރުވެރިކަމާއެކު ވިދާޅުވިއެވެ. އަދި ބައްޕާފުޅަށް އަނިޔާވެރިކޮށް ހަމަލާދީ އަވަހާރަކޮށްލީވެސް އެމަސައްކަތުގައި ދެމިހުންނަވަނިކޮށްކަމަށް ޝެއިހް ހަސީނާ ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝް ޑިމޮކްރެސީއަށް ކުރި ދަތުރަކީ ދިގު އަދި އުނދަގޫ ދަތުރެއްކަމަށާއި އެގޮތުން އެ ދަތުރުގައި އެކަމަނާގެ އާއިލާގެ ގިނަ ބަޔަކު އަވަހާރަވެގެންދިޔަ ވާހަކަތައް އެކަމަނާ ކިޔައިދެއްވީ ފުން ހިތާމައާއެކުގައެވެ. އެމަސައްކަތުގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއިލާގެ ގިނަ ބަޔަކު ހަމަލާތަކެއްގައި އަވަހާރަވެގެންދިޔަ ވާހަކައިން ޝެއިހް ހަސީނާގެ އަސަރުގަދަ ތަގުރީރުން ފާހަގަކުރެވެއެވެ.

ހަ އަހަރު އަޅުގަނޑާއި އަޅުގަނޑުގެ ދައްތަ ގައުމުން ބޭރުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅުނިން،

އެ ދުވަސްތައް ފަހުން ބަންގްލަދޭޝަށް އެނބުރި ވަޑައިގެން އެކި ފަހަރު މަތިން ޖަލު ހުކުމްތަކާއި ފުރާނައަށް ނުރައްކަވާ ހަމަލާތަކާއި ކުރިމަތިލާން އެކަމަނާއަށް ޖެހިވަޑައިގެންނެވިކަމަށް ޝެެއިހް ހަސީނާ މާޒީ ހަދާންކުރައްވަމުން ވިދާޅުވިއެވެ. އަދި އޭގެ ފަހުންވެސް ޖުމްލަ 19 ފަހަރު މަތިން ބަންގްލަދޭޝްގައި އަސްކަރީ ބަޣާވާތްކުރަން މަސައްކަތްކުރިކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު ގައުމު މުޅިން ބަދަލުވެ، ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ ޑިމޮކްރެސީއަކާއި ސަރުކާރެއް ގައުމުގައި އެބަ އޮތްކަމަށް ޝެއިހް ހަސީނާ ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝަށް މިދިޔަ 10 އަހަރު ތެރޭ ލިބުނު ކުރިއެރުންތަކާއި ގުޅިގެން އަޅުގަނޑު ވަރަށް އުފާކުރަން،

ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ބަންގްލަދޭޝްގެ އިގްތިސޯދަށްވެސް އެހެން ގައުމުތަކެކޭ އެއްގޮތަށް އަސަރުކުރިކަމަށާއި އެހެންނަމަވެސް ގައުމުގެ އަމާޒުގެ ތެރެއިން އިޖްތިމާއީ އަދި އިގްތިސޯދީ ލަނޑުދަނޑިތަކާއި، އަންހެނުންގެ ހައްގުތަކުގެ އިތުރުން، ސިއްހީ، ތައުލީމީ އަދި ފަތުރުވެރިކަމުގައިވެސް މުހިންމު އަމާޒުތަކެއް ކަނޑައަޅައި އެ އަމާޒުތަކަށް ވާސިލުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޝެއިހް ހަސީނާ މަޖިލޫހުގެ ޕޯޑިއަމްގައި ހުއްޓިވަޑައިގެން ހުރެ ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝް ބައިނަލްއަގްވާމީ ގޮތުން ހޯދަމުން އަންނަ ކުރިއެރުންތަކަކީ ޝެއިހް ހަސީނާގެ ތަގުރީރުގެ ކުރިން ވާހަކަފުޅުދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދުވެސް ފާހަގަކުރެއްވި ކަންކަމެވެ.

ނަޝީދު ވަނީ ބަންގްލަދޭޝަކީ މިހާރު ދެކުނު އޭޝިއާގެ އެންމެ މުހިންމު އެއް ގައުމުކަމަށާއި އަދި އެކަން މިފަހުން ބޭއްވި ކޮޕް 26 ސަމިޓުގައިވެސް ފާހަގަކުރެވުނުކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ފަދަ ގައުމަކަށް ބަންގްލަދޭޝް ފަދަ ވަރުގަދަ ގައުމެއްގެ އެހީތެރިކަން ތިމާވެށީގެ ކަންކަމުގައި ލިބުނީތީ އުފާކުރައްވައި ފަހުރުވެރިވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ރާއްޖޭގައި ބަންގްލަދޭޝްގެ ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާއިރު، އެއީ ރާއްޖޭގެ އިގްތިސޯދަށް މުހިންމު މަސައްކަތްތަކެއް ކުރާ ބައެއްކަމަށާއި، އެފަރާތްތަކާ ނުލާ ރާއްޖޭގެ އިގްތިސޯދާއި ދިރިއުޅުމުގެ ފެންވަރު މިހާރު އެހުރި ވަރުގައި ނުހުންނާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ރާއްޖެއިން އިތުރަށް އަގުވަޒަން ކުރަން ޖެހޭކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *