މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއަށް 215 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްގެން އުޅެނިކޮށް އަތުލައިގަތް މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރާއި ހަމަ އެރަށު ފެހިއަލި، ނިމާލް ޢަބްދުލް ހާރިސް ގެ މައްޗަށެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ ދެމީހުންގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިން ކުރިކަމުގެ ދައުވާއެވެ. އަދި ޝާކިރުގެ މައްޗަށް ވަނީ ކުޑަކަމުދާ ތަކެތި ދިނުމަށް ދެކޮޅު ހެދުމުގެ ދައުވާ އުފުލާފައެވެ.
މި ދެމީހުން ވެސް މިހާރު ތިބީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ ދެމީހުން ފުލުހުން ހައްޔަރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ދެމީހުން ހައްޔަރުކުރީ 14 އޮކްޓޯބަރު ވީ ދުވަހު ދިވެހިރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ބޭރުން ދިވެހިރާއްޖެއަށް ބަރުދަނުގައި ގާތްގަނޑަކަށް 215 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ބަހައްޓައިގެން އުޅެނިކޮށެވެ.
އެ ދެމީހުން ފުލުހުން ހައްޔަރުކުރީ ކަނޑުމަތިން ފާރަލަމުން ގޮސް އެ ދެމީހުން ދަތުރުކުރަމުންދިޔަ ލޯންޗުގައި ތިއްބައެވެ.