ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ

ދިވެހި ރާއްޖެއާއި ބަަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށާއި، އޭގެ ރަނގަޅު ނަތީޖާ ފެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއިއެކު މިއަދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ބަންގްލަދޭޝް އާއި ރާއްޖޭގެ ތާރީހާއި ސަގާފަތުގައި އެއްގޮތް ކަންތައްތަކެއް ހުރުމުން، ދެ ގައުމުގެ މެދުގައި އަބަދުވެސް ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ.

މިދިޔަ އަހަރުގައި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދިޔަކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިއަށް ވުރެ ވެސް ގުޅުން ބަދަހި ކުރުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބަން ރާއްޖެއަށް އެކި ދާއިރާތަކުން ފައިދާތަކެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިޖުތިމާއީ އަދި ސިއްހީ ދާއިރާ ފާހަގަކުރެއްވިއެވެ.

އަދި ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ވެސް ބަންގްލަދޭޝް އިން ލިބުނު އެހީ ފާހަގަކުރައްވާ ރައީސް ސޯލިހު ވަނީ އެކަމަނާއާއި ބަންގްލަދޭޝްގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ދަށުން، ސިއްހީ ދާއިރާއަށް ފަންނީ މަސައްކަތްތެރިން ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޒުވާނުންގެ ކުރިއެރުވުމާއި ގުޅޭ އެއްބަސްވުމުގެ ދަށުން ވޮކޯޝަނަލް ޓްރެއިނިންގތައް ދިވެހި ޒުވާނުންނަށް ފަހިވެގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޝެއިހް ހަސީނާ ރާއްޖެ ވަޑައިގެންނެވީ ރައީސް ސީލިހުގެ ދައުވަތަކަށެވެ. މިއަދު އެކަމަނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަމާލަކާއެކު ގާޑް އޮފް އޮނާރއެއް ވަނީ އަރުވާފައެވެ. ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ނިމުމާއެކު އެކަމަނާ ރައީސް އޮފީހަށް ވަޑައިގެންނެވީ ފައިމަގުގައެވެ. އަދި އޮފީހަށް ވަޑައިގެން ދެ ބޭފުޅުން ވަނީ ރަސްމީ މަޝްވަރާތައް ބާއްވާ، އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *