ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ފުލުހުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޝެއިޚް ޙަސީނާ ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ސަލާމަތީ ޚިދުމަތްތަކުންޚާއްޞަ އޮޕަރޭޝަނެއް މިހާރު ކުރިޔަށްގެންދާކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އާންމުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމުގައި ނޫސްބަޔާނުގައިވެއެވެ. އަދި ރައްޔިތުންގެ ފަރާތުން މިފަދަ އޮޕަރޭޝަންތަކުގައި ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ވަނީ ފާހަގަކޮށްފައެވެ.
ޝެއިޚް ހަސިނާ ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެ މެންދުރު ފަހު 03:00 ގައެވެ. އެކަމަނާ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއި ފޮރިންގ ސެކެޓްރީ އަބްދުލްޣަފޫރު މުހައްމަދު އެވެ.
ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެކަމަނާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދުއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކަމަނާއަށް މަރުހަބާ ދަންނަވަން ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގައެވެ.
މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާއާ އަދި ދަޢުލަތުގެ ބައެއް ޢިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެގެންދާނެ ބައެއް އެއްބަސްވުންތައް ދެޤައުމުގެ ދެމެދު ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ދެޤައުމުގެ ދެމެދު މަޝްވަރާކުރައްވާ ކަންކަމާގުޅޭ ތަފްޞީލުތައް ހާމަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.