ރިޕޯޓް

މެމްބަރުންގެ ނިމުން; ގުޅެނީ ކޮންކަމަކާ؟

އޭސީސީ އިން އިސްތިއުފާ ދެއްވި މެންބަރުން - ޖަޒީރާ ގްރެފިކްސް: އިބްރާހިމް އިފާޒް

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ގެ ސިޔާސަތަކާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަމަށް އައުމާއެކު ގިނަ ބަޔަކު އުންމީދުކުރީ، ރާއްޖޭގައި ހިނގާ ހިޔާނާތުގެ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމަށް 2008 ވަނަ އަހަރު ވުޖޫދަށް ގެނައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކަންކަންވެސް އިސްލާހު، އެ މުއައްސަސާގެ ދުވެލި ބާރުވެ، ރަނގަޅަށް ހިނގަން ފަށާނެކަމަށެވެ.

ނަމަވެސް މިއަދު އެ ކޮމިޝަނުގައި ތިބި އެންމެ ފަހު ތިން މެމްބަރުންކަމުގައިވާ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲ މިވަނީ އިސްތިއުފާ ދެއްވާފައެވެ. އެބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކު ކޮމިޓީން އެބޭފުޅުންގެ މަގާމު ގެއްލޭނެކަމަށް ނިންމަން އެންމެ ވޯޓަކަށްވެފަ އޮއްވައެވެ.

ކޮމިޓީން އެގޮތަށް ނިންމުމުގެ ފަހަތުގައި ބައިވަރު ސަބަބުތަކެއްވެއެވެ. މައްސަލަތަކުގެ ތަހުގީގު ލަސްވުމާއި ދައުވާކުރަން ފޮނުވުމުގައި ހުރި ލަސްތަކާއި، ކޮމިޝަން އެކަށީގެންވާ ގޮތެއްގައި ނުހިނގުމާއި، ތަހުގީގުތަކުގެ ފެންވަރު ދަށްވުންފަދަ އެތައް އެތައް ސަބަބުތަކެއް އެބަ ހުއްޓެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ރޭ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އޭސީސީގެ މެމްބަރުން ވަކި ކުރަން ހުށަހެޅި ހުށަހެޅުން، ފަސް މެމްބަރުންގެ ވޯޓާއެކު ފާސްވިއިރު، އެ ނިންމުން މައިގަނޑު ގޮތެއްގައި ބިނާވެފަ އޮތީ ކޮމިޓީގެ އެދުމަކަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޭސީސީގެ އޮޑިޓެއްގެ މައްޗަށެވެ.

އޭގެ ކުރިން ވަކި ވަކި މައްސަލަތަކާއި ގުޅިގެން އެތައް ފަހަރެއްގެ މަތިން އޭސީސީގެ މެމްބަރުން ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ކޮމިޝަން ހިންގުމަށް ބޭނުންވާ އެހީތެރިކަމަކީ ކޮބައިތޯ ބަލައި، އެކަންކަންވެސް ކޮށްދިނުމަށް މަޖިލީހުން ވަނީ މަސައްކަތްކޮށްފައެވެ.

ނަމަވެސް އޮޑިޓުން ވަނީ އޭސީސީގައި ހުރި މައްސަލަތައް އެތައް ގޮތަކުން މަޖިލީހަށް ހާމަކޮށްދީފައެވެ. ފާއިތުވި ފަސް އަހަރުގެ އެ ޕާފޯމެންސް އޮޑިޓުން ވަނީ ކޮމިޝަނުގައި ފުނިޖެހިފައި ހުރި މައްސަލަތައް ކުރިއަށްދާ މިންވަރު އިންތިހާއަށް ލަސްކަން ދައްކާފައެވެ. އަދި ދައުވާ ކުރަން ފޮނުވާ މައްސަލަތައް މަދުވުމާއި މައްސަލަ ބަލަމުންދާ ގޮތާއި ކޭސްތައް މެނޭޖް ކުރާ ގޮތުގެވެސް ބޮޑެތި މައްސަލަތަކެއް އޮޑިޓުން ހާމަކުރިއެވެ.

އޮޑިޓުގައި ފާހަގަކުރެވުނު ކަންކަން:
  • ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 61% މައްސަލަ ނިމިފައިވާއިރު ދައުވާކުރަން ފޮނުވުނީ 1% މައްސަލަކަން
  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ކޭސް މެނޭޖްމެންޓް ސިސްޓަމް އަދާހަމަނުވުމާއި ތަފާސްހިސާބާއި ގުޅޭ ރިޕޯޓުތައް ކޭސް މެނޭޖްމެންޓް ސިސްޓަމުން ތައްޔާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާކަން
  • ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 31 ޖުލައި 2020 ގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކުގެ މުއްދަތަށް ބަލާއިރު ގިނަ އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާ މައްސަލަތައް ނުނިމި ހުރިކަން
  • މައްސަލަތަކުގެ ތަހުގީގީ މަރުހަލާ ނިމުނު ނަމަވެސް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވަން ގިނަ ދުވަސްތަކެއް ހޭދަވާކަން

ނަމަވެސް އޮޑިޓަށްވުރެ ކުރިންވެސް މެމްބަރުންގެ ތިން އަހަރުގެ ތެރޭގައި އަބަދުވެސް އެ މެމްބަރުންނަށް އަންނަ ފާޑުކިޔުން އިންތިހާއަށް ގިނައެވެ. ވަކިން ހާއްސަކޮށް އެމްއެމްޕީއާރުސީ މައްސަލައާއި ވެންޓިލެޓަރުގެ ވައްކަމުގެ މައްސަލައާ ގުޅުވައިގެން އަންނަ ފާޑުކިޔުން ގިނައެވެ.

ބޮޑު ޚިޔާނާތުގެ ތަހުގީގުން ނާއުންމީދު

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީ މައްސަލައިގައި ބައިވެރިވި ފަރާތްތައް ހޯދާ އެފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ. އެކަމަށްޓަކައި ރިޔާސީ ކޮމިޝަނެއްވެސް އުފައްދާފައިވާއިރު، މައްސަލަ ތަހުގީގުކުރުމުގައި އޭސީސީގެ ދައުރު ބޮޑުވާނެކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް އެކަމުގައިވެސް އޭސީސީގެ ފަރާތުން މާ ބޮޑު މަސައްކަތްތަކެއް އަދި ކާމިޔާބުތަކެއް ފެނިފައެއް ނުވެއެވެ.

ޖުމްލަ 281 މީހުންގެ ނަން އޮތް ހިޔާނާތުގެ ތުހުމަތުވާ މީހުންގެ ވަރުގަދަ ލިސްޓެއްވެސް އޮތްއިރު މަޖިލީހުން އެދުނު ގޮތަށް އެކަމަކީ "ޓޮޕް ޕްރަޔޯރިޓީ" އަކަށް ހަދައިގެން މަސައްކަތް ކުރެވުނުކަމަކަށްވެސް ބެލެވެން ނެތީ، އެ މައްސަލައިގައި ދައުވާކުރަން ފޮނުވި މީހުންގެ އަދަދު އިންތިހާއަށް މަދުވުމުންނެވެ.

މަޖިލީހުން ވަނީ މެމްބަރުން ހާޒިރުކޮށްގެން އެމައްސަލައާއި ގުޅިގެން އިސްކަމެއް ދީގެން އެމައްސަލަ ބެލުމަށް އޭސީސީއަށް އެތައް ފަހަރެއްގެ މަތިން ބާރުއަޅައިފައެވެ. އެ ބައްދަލުވުންތަކުގައި ތަހުގީގު ލަސްވާތީ ތަކުރާރުކޮށް އެކަމާ ސުވާލުކޮށް ތަހުގީގު އަވަސް ކުރުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ސުވާލުކޮށް، އެކަންތައްތައް ފަހިކޮށްދިނުމަށްވެސް ކޮމިޓީން ވަނީ މަސައްކަތް ކޮށްފައެވެ.

ނަމަވެސް ނަތީޖާއެއް އަންނަ ތަނެއް ނުފެންނަކަމަށް ބުނާ މަޖިލިސް މެމްބަރުންގެ އަދަދު ގިނައެވެ. އެގޮތުން އެންމެ ފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ މެމްބަރުން ހާޒިރުކުރިއިރު، އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުނީ ކިތައް މައްސަލަކަމާއި ދޭތެރޭވެސް މެމްބަރުންގެ އޮޅުންތަކެއް ހުއްޓެވެ.

ހިޔާނާތާއި ގުޅިގެން އޭސީސީން މައިގަނޑު ގޮތެއްގައި ޖަވާބަކަށް އަންނަނީ އަދަދުތަކެއްގެ ވާހަކައެވެ. ދައުވާ ކުރަން ފޮނުވާފައިވާ އަދަދާއި، ދެން ދައުވާކުރަން ފޮނުވަން އޮތް މައްސަލަތަކުގެ އަދަދެވެ. އެގޮތުން ޕީޖީ އޮފީހުން ބުނަނި އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އޭސީސީން ފުނީ ޖުމްލަ ފަސް މީހަކާއި ގުޅޭ އަށް މައްސަލަކަމަށެވެ.
ނަމަވެސް، ޓޮޕް ޕްރަޔޯރިޓީއަކަށް ހެދުމަށް އިރުޝާދު ދިން އެ މައްސަލައިގައި ތިން އަހަރު ތެރޭ ތަހުގީގުކުރެވި ދައުވާ ކުރަން ފޮނުވުނު އެ އަދަދުތަކާއި ދޭތެރޭ މަޖިލިސް މެމްބަރުންގެ ނުރުހުން އެބަ އޮތެވެ.

ތަހުގީގުގެ ފެންވަރު ދަށްވެ، މައްސަލަތައް އަނބުރާ ފޮނުވާލުން

ދައުވާކުރަން ފޮނުވުމާއި ގުޅިގެން އޮތް މައްސަލަ އޮތްގޮތަށް އޮއްވާ، ދެން ފާހަގަވާން ފެށީ، ތަހުގީގުކޮށް ނިންމައި ޕީޖީއަށް ފޮނުވާ މައްސަލަތައް، ޕީޖީން އަނބުރާ އޭސީސީއަށް ފުލުފުލުގަ ފޮނުވަން ފެށިތަނެވެ. އެމްއެމްޕިއާރުސީ މައްސަލައަށްފަހު ދެން އޭސީސީން ބަލާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ވެންޓިލޭޓަރު މައްސަލައިގައި އެތައް ފަހަރެއްގެ މަތިން ދައުވާކުރަން ޕީޖީއަށް ފޮނުވުމުންވެސް ޕީޖީން ވަނީ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައެވެ.

ޕީޖީން ބުނަނީ މައްސަލައިގެ ތަހުގީގު ފުރިހަމަނުވާކަމަށާއި އަދި ފެންވަރު ދަށް ކަމަށެވެ. އަދި އެއްވެސް މީހަކަށް ޖިނާއީ ދައުވާއެއްކޮށް، ސާބިތުކުރެވޭވަރުގެ ހެއްކެއް އެ ތަހުގީގުގައި ނެތްކަމަށެވެ. ވެންތިލެޓަރު މައްސަލައިގައި 11 މީހަކަށް ދައުވާކުރަން އެންމެ ފުރަތަމަ ޕީޖީއަށް ފޮނުވީ 2019 ވަނަ އަހަރުއެވެ. ފޮނުވިތާ ހަފްތާއެއް ނުވަނީސް ޕީޖީން އެ މައްސަލަ އަނބުރާ ފޮނުވާލީ ހަމަ އެ ސަބަބަށްޓަކައެވެ. އެ މައްސަލަ މަޖިލީހުގެ ކޮމިޓީން ވެސް ބެލިއިރު، ކޮމިޓީއަށް ފާހަގަވީ އެ މައްސަލައިގަ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފުރިހަމަ ނުކޮށް އޮތް ކަމެވެ.

އެއީ ގާނޫނުން ލާޒިމު ކުރާ ކަމެއް ނޫން ނަމަވެސް، މުހިންމު މަރުހަލާއެކެވެ. ތަހުގީގު އިތުރަށް ފުރިހަމަކޮށް، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކުރާ ދައުވާ ސާބިތުވާ ވަރުގެ ހެކި ހުރިތޯ ބަލަނީ މި މަރުހަލާގައެވެ. މަޖިލީހުން އެ ތަހުގީގު ސިފަކުރީ 'އަވަސް އަރުވާލައިގެން' ކުރި ފުރިހަމަނުވާ ތަހުގީގެއްގެ ގޮތުގައެވެ. އޭގެ ފަހުން މިހާރު ދެފަހަރެއްގެ މަތިން ޕީޖީއަށް ހަމަ އެ މައްސަލަ ފޮނުވިނަމަވެސް ހަމަ ޕީޖީގެ ޖަވާބު އަންނަނީ އެއްގޮތަކަށެވެ.

މެމްބަރުން ބުނަނީ ކީކޭ؟

ކޮމިޝަނާއި ދެކޮޅަށް އެތައް ޝަކުވާތަކެއް ހުރިއިރު ކޮމިޝަނުގެ ޝަކުވާތަކެއްވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެދެވޭ މިންވަރަކަށް މުވައްޒަފުންނާއި އިންވެސްޓިގޭޓަރުން ނެތުން އެއީ އެންމެ ބޮޑު އެއް ޝަކުވާއެވެ. އަދި އޭސީސީގެ މިނިވަންކަމެއް ނެތުމާއި ބަޖެތުގެ ދަތިކަންވެސް މެމްބަރުން ފާހަގަކުރެއެވެ.

އަދި ކުރީގެ ދައުރުތަކުގެ މައްސަލަތައް ފުނިޖެހި، އެ މައްސަލަތަކުގެ ޒިންމާ މިހާރު ތިބި މެމްބަރުންގެ ބޮލަށް އައުމާއި، އެމްއެމްޕީއާރުސީ ފަދަ މައްސަލަތަކަސް މުވައްޒަފުން ހާއްސަކުރުމުން، ދެން ހުރި މައްސަލަތަކަށް ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމާއި އެކަން އެއްވެސް އިދާރާއަކުން ނުވިސްނާކަމަށް ބުނެ ކޮމިޝަނުގެ މެމްބަރުން ވަނީ އެތައް މައްސަލަތަކެއް މަޖިލީހުގެ ކޮމިތީގައި ދައްކާފައެވެ.

އެތައް ހުއްޖަތެއް އެތައް ސަބަބެއް މެމްބަރުން ވަނީ މެމްބަރުންގެ ދިފާއުގައި ދައްކައިފައެވެ. އެންމެފަހުން ހެދި އޮޑިޓުގައިވެސް ބަލާ މައްސަލަތަކުގެ ތާރީހު އޮލުވާލައި، މިހާރުގެ މެމްބަރުންގެ މަސައްކަތް ނުބަލާކަމުގެ ޝަކުވާތަކެއް މެމްބަރުން ވަނީ ކޮށްފައެވެ. އެ މެމްބަރުން ބުނަނީ މި ދައުރުގައި ކަންކަން ހިނގަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ކުރީ ދައުރުތަކާހެދި ގެއްލިފަ އޮތް ނަޒާހަތްތެރިކަން އަދަބަކަށް ލިބެނީ މިހާރުގެ ދައުރުގައި ތިބި މެމްބަރުންނަށް ކަމަށެވެ.

ކޮންމެއަކަށްވިޔަސް، އޭސީސީގެ މެމްބަރުންގެ އިސްތިއުފާއާއެކު މި ދައުރުވެސް މި ނިމުނީއެވެ. ނަމަވެސް، ތާރީހަށް ބަލާލާއިރު، އެއްގޮތް ކަންތައްތަކެއް އެ ކޮމިޝަނާއި ދެތެރޭ ފާހަގަކުރެވޭކަމަކީ ދެބަސްވެވެން ނެތް ކަމެކެވެ. ކޮމިޝަންގެ 13 އަހަރުވީ ތާރީހުގެ ތެރެއިން އެ ކޮމިޝަނުގެ ކާމިޔާބީއެއްގެ ވާހަކަ ހޯދުން އާންމު މީހަކަށް ދައްޗެވެ. އަބަދުވެސް އިވެނީ ކޮމިޝަނުގެ ނާގާބިލުކަމާއި، މައްސަލަތައް ނުބެލޭކަމުގެ އަޑުތަކެވެ. މިފަހަރުވެސް ވަކި ވާހަކަ ތަފާތެއް ނޫނެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %