އަރަބއްިޔާ ސްކޫލުގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުނުކުރަން ނިންމައި، ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ވަގުތީގޮތުން ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައި މިވަނީ އަރަބިއްޔާ އިމާރާތުގައި ރެނދުއަޅައި ހަލާކުވުމުން، އެސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށް އެތަނުގައި އަރަބިއްޔާ ހިންގަން ނިންމުމުން އެކަމާ ސްކޫލްގެ ބެލެނިވެރިން ދެކޮޅު ހެދުމުންނެވެ. އެ މައްސަލައިގައި ސްކޫލްގެ ބެލެނިވެރިން ވަނީ ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލު ކޮށްފައިވެއެވެ.

ރައީސް އޮފީހުން ދާދި ދެންމެ ކުރި އިއުލާނެއްގައި ބުނީ ސްކޫލްގެ ޕީޓީއޭއިން ރައީސުލްޖުމްހޫރިއްޔާއާ މިއަދު ބައްދަލުކޮށް އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އަރަބިއްޔާގެ ބެލެނިވެރިންނަށް ދެއްވި ކަމަށްވެސް ބުނެއެވެ.

ރައީސް އޮފީހުން ބުނީ އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ފޮރިން މިނިސްޓްރީގެ ކުރީގެ އިމާރާތުގައި ހިންގަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި ސްކޫލް ހިންގޭނެ ވަރަށް އެތަނުގައި ކްލާސްރޫމް ހަދައިދީ އިމާރާތުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ސަރުކާރުން މިހާރު ވަނީ ބާ ޖަމާލުއްދީން އިމާރާތް ތަޅާލުމަށް ފަހު އެތަނުގައި އަރަބިއްޔާ ސްކޫލް ހިންގުމަށް ދާއިމީކޮށް އާ އިމާރާތެއް އަޅަން ނިންމާފައެވެ. އަރަބިއްޔާ ސްކޫލްގެ މައްސަލަ ފެންމަތިވީ އެތަނުގެ ތަނބުތަކުގައި ރެނދުއަޅައި ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުންނަށް ނުރައްކާވާ ހިސާބަށް ގޮސްފައިވަނިކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ އިމާރާތާއި ގުޅިގެން ހެދި ދިރާސާއެއްގައި ވަނީ އެ އިމާރާތް ދެން އެންމެ ގިނަވެގެންވެސް ބޭނުންކުރެވޭނީ ތިން އަހަރާއި ފަސް އަހަރު ދުވަހަށްކަމަށް ލަފާކޮށްފައެވެ. އަދި އިމާރާތުގެ ސަބަބުން ދަރިވަރުންނާއި މުވައްޒަފުންނަށް ހުރި ނުރައްކާ ބޮޑުކަމަށްވެސް އެ ދިރާސާގައިވެއެވެ.

1
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *