ކުރީގެ ރައީސް އަބްދުﷲ ޔާމީން

ހިޔާ މަޝްރޫގެ ފްލެޓުތައް އެމަނިކުފާނު އިމާރާތްކުރެއްވީ ޕެންޓްހައުސްތަކުގައި ދިރިއުޅޭ ފެންވަރު މީހުންނާއި، ވިޔަފާރިވެރިންނަށް ނޫން ކަމަށާއި އެއީ މާލޭގައި ދިރިއުޅެމުން އައި ނިކަމެތި އާއިލާތަކަށް ހާއްސަކުރި ތަނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"ދިޔަރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހިޔާ ފަޑު ކިޔަންޏާ ވަރަށް ގިނަ ފާޑު ކީދާނެ ކަމަށެވެ. އަދި ކޮންމެ ބަޔަކަށް ވެސް ފަޑު ކިޔިދާނެ ކަމަށެވެ. ހިޔާ ފްލެޓުތަކަށް އަމާޒުވާ ފަޑުކިޔުންތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ އެތަނަށް ފާޑުކިޔަން ޖެހޭނީ އެތަނުގައި ދިރިއުޅޭ ރައްޔިތުން ކަމަށެވެ.

މި ފާޑުކިޔާ މީހުންގެ ތެރޭގައި މިއުޅެނި ތިން ހަތަރު އެޕާޓްމަންޓް ކުއްޔަށް ދީގެން އާމްދަނީ ހޯދާ މީހުން. އަޅުގަނޑު މިތަންތަން ހެދީ މިއަށް ވިރެ މާ ނިކަމެތިކޮށް އިންސާނީ ކަރާމާތް ގެއްލޭ ހާލަތުގައި ތިބި މީހުންނަށް ފުރުސަތު ހޯދައިދޭން. އެމީހުން އެތަނަށް ވަދޭ ފާޑުކިޔާފަ ނުކުތީމަ އަޅުގަނޑު ގަބޫލުކުރާނަން. އެކަމަކު ޕެންޓްހައިސްތަކުގައި އުޅޭ މީހުން ފާޑު ކީމަކާ ތާކުން ތާކު ނުޖެހޭ ދެއްތޯ

ފިހާރައެއް ހަދަން މީހަކު ރީތި ފިހާރައަކަށް ލައްކައިން ފައިސާ ހަރަދުކޮށްފައި އެތަނުގައި ވިއްކަން ފަންސަވީސް ހާސް ރުފިޔާގެ މުދާ ބެހެއްޓުމުން ވާނެ ގެއްލުމުން މިސާލު ނަންގަވައި ރައީސް ޔާމީން ވިދާޅުވީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ނަގާ ލޯނުތަކަށް ވެސް ވާނީ އެހެން ކަމަށެވެ. ރާއްޖޭގައި ބިމުގެ ދަތިކަން އިންތިހާއަށް އޮތް އިރު ލޯނެއް ނަގައިގެން ބިން ހިއްކަން ފްލެޓު ހަދާ ތަނެއްގައި ފްލެޓަށް ވުރެ ކުރިން ޕާކާއި، ޕޫލާއި އެފަދަ ތަންތަން ހަދަން ފައިސާ ހަރަދުކޮށްފި ނަމަ އެ ލޯނެއް އަނބުރާ ނުދެއްކޭނެ ކަމަށެވެ.

އެހެންވެ އެމަނިކުފާނު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްގީގް ބޮޑު ޕްލޭނެއް ތައްޔާރުކުރި އިރު އެތަނުގައި ފުރަތަމަ ބެލީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަން ހޯދައިދެވޭތޯ ކަމަށާއި، އެތަނުގައި އެހެން ހިދުމަތްތަކަކީ މަޑު މަޑުން ތަރައްގީ ވެ ފުރިހަމަވާނެ ކަން ކަން ކަމަށް ވިދާޅުވިއެވެ. އަދި އެއީ ޓަވަރުތަކެއް އެކަނި ހަދާފައި ނިންމާލަން ހެދި ތަނެއް ނޫން ކަމަށް ވިދާޅުވިއެވެ.

މި ސަރަހައްދުގައި ހުރި އެންމެ ވަރުގަދަ ކޮމަރޝަލް ހަބަކަށް އެތަން ހެދޭތޯ ކުރަން ހުރި މަސައްކަތްތަކެއް އެތަނުގެ ޑްރޯވިންގައި އެހުރީ. އެތައް ބައިވަރު ކޮންސެޕްޓެއް ހިމެނޭ. އަނެއްކާ ހުޅުމާލޭގެ ޔޮޓް މެރީނާ ޓަރމިނަލް އަކާ ޓޯޓަލް ޕރޮޖްކްޓެއް އެއީ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕްލޭން ކުރެއްވީ އެކަހަލަ ފަސް ހައެއްކަ ޓަވަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަން ކަމަށެވެ. ސިންގަޕޫރުގެ ސޯޝަލް ހައުސިންތަކަށް އިޝާރާތްކުރައްވާ ވިދާޅުވީ ހަމަ އެގޮތަށް ކިޮންމެ ޓަވަރަކީ ވަކި ކޮމިއުނިޓީ އަކަށް ހަދާ އެތަނަށް ބޭނުންވާ ފިހާރައާއި ހޮސްޕިޓަލާއި ސްކޫލް އަދި ހުރިހާ ހިދުމަތެއް ވެސް އެ ސަރަހައްދުން ލިބޭނެ ގޮތަށް ޕްލޭން ހަދާފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފުރަތަމަ ހައުސިން ހަދާއިރު އެތަނެއް ދޭނީ ފުރިހަމަކޮށްފައި ނޫން ކަމަށާއި، ބަލާނީ މީހުންނަށް ބޯހިޔާވަހިކަން ދެވޭތޯ ކަމަށެވެ. އަދި އެތަނުގައި ފުރިހަމަކުރަން ޖެހޭ އެހެން ޚިދުމަތްތައް ހަމަކުރާނީ ދެން ކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *