ވިލިމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ވިލިމާލެ ދެކުނު ފަރާތުން ދަތުރުކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓްވިކަމުގެ ރިޕޯޓެއް ލިބިފައިވާކަމަށެވެ. އަދި އެ ހާދިސާގައި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.
ހާދިސާއާ ގުޅިގެން ފުލުހުން ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އަދި އެހާދިސާގައި އެކްސިޑެންޓްވި ޑިންގީ އަޑިޔަށް ގޮސްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ޑިންގީ އަޑިޔަށް ދިޔުމާއެކު އެ ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މީގެ ކުރިންވެސް ވިލިމާލެ ކައިރިން މިފަދަ އެކްސިޑެންޓްތަކެއްވެފަ އެބަހުއްޓެވެ. އެގޮތުން 2019 ވަނަ އަހަރު ވާދޫ ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.