އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުން އުސޫލާއި ޚިލާފަށް މަސައްކަތްކުރައްވާކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކުރިއަށް ނުގެންދަން ނިންމައި މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ނިންމާލައިފިއެވެ.
މިރޭ ކުއްލި ގޮތަކަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެޖެންޑާކޮށްފައިވަނީ އޭސީސީގެ މެންބަރުން އުސޫލުން ބޭރުން ކަންކަން ކުރައްވާ ކަމަށް ވިދާޅުވެ، ކޮމިޓީގެ ތިން މެމްބަރަކު ސޮއި ކުރައްވާ ހުށަހެޅުއްވި ގަރާރާއި ގުޅިގެންނެވެ. އެ ގަރާރު ހުށަހެޅުއްވީ ކޮމިޓީ މެމްބަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމެވެ.
މެމްބަރު ޝަހީމް އެ ގަރާރު ހުށަހެޅުއްވީ އޭސީސީގެ މެމްބަރުންނަށް މަގާމުގެ މަސްއޫލިޔަތު އަދާ ނުކުރެވޭކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި، އެ މެމްބަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިވަނިކޮށެވެ. ކޮމިޝަނުގެ މެމްބަރުންނަށް ޖަވާބުދާރީވުމަށް ކޮމިޓީން ދީފައިވާ މުއްދަތު ހަމަވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
މި މައްސަލަ ކޮމިޓީގައި އެޖެންޑާކޮށްފައިވަނިކޮށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓެއްގައި ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާކަމަށް ވިދާޅުވެ، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ގަރާރު ހުށަހެޅުއްވީ ކީއްވެ؟
ދައުލަތުގެ ބައެއް މިނިސްޓަރުންވެސް ކުއްލިއަކަށް ހާޒިރުކުރަން މެސެޖު ފޮނުވާ ހަދާފަ ވެސް އެބަހުރި. އެއީ އެބޭފުޅުންނާއި ބެހޭ އެއްވެސް ކަމެއް އެތަނަށް ހުށަހެޅި، އެކަހަލަ އެއްވެސް މައްސަލައެއް ކުރިއަށްދާ ބޭފުޅުންނެއް ނޫން. އެހެންވެ އެކަހަލަ ބައެއް ކަންކަން ފާހަގަވެފަ ހުރީމަ. - ހުސެއިން ޝަހީމް
މިކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ އެގޮތަށް ކަންކަން ކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް ކޮމިޝަނަށް އެންގުމަށެވެ. އެއާއި އެކު ބައެއް މެމްބަރުން އުފެއްދެވި ސުވާލަކީ އެއީ ގާނޫނީ ގޮތުން ކޮމިޓީއަށް ކުރެވިދާނެ ކަމެއްތޯއެވެ.
އަޅުގަނޑު ގަބޫލުކުރާގޮތުގައި އެބޭފުޅުން ވަކިކުރުމުގެ ކުރުމުގެ ޕްރޮސެސް ކުރިއަށް ދިޔަ ކަމުގައި ވީނަމަވެސް، ހަގީގަތުގައި އިންވެސްޓިގޭޝަން ކުރިއަށްދާ މައްސަލަތަކުގައި އިންވެސްޓިގޭޝަން ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބޭފުޅުންނަށް ދޭން ވާނެ. އެ ނޫން ގޮތަކަށް އަޅުގަނޑުމެންނަށް އެންގިދާނެ ކަމަށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. - ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
އުޝާމް މިހެން ވިދާޅުވުމުން ހުސެއިން ޝަހީމް ވިދާޅުވީ ކޮމިޝަންގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާ ނުކުރުމަށް އަންގަން ހުށަނާޅުއްވާ ކަމަށެވެ. އަދި މަގާމުން ވަކި ކުރެވެންދެން އެ މެމްބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި ޖުމްލަ ނުވަ މެމްބަރުން ތިއްބެވިއިރު އޭގެ ތެރެއިން ހަތަރު މެމްބަރަކު ހުސެއިން ޝަހީމްގެ ހުށަހެޅުއްވުމާއި ޚިޔާލު ތަފާތުވެވަޑައިގެންނެވިއެވެ. އެގޮތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ހުށަހެޅުއްވީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ނިންމައި ކޮމިޓީ ބައްދަލުވުން ނިންމާލުމަށެވެ.
ހުސެއިންގެ ހުށަހެޅުއްވުން ފާސްކުރުމަށް ހަތަރު މެމްބަރުން ވޯޓު ދެއްވިއެވެ. އެއާއެކު ދެން އަގުލަބިއްޔަތު ހަމަކުރުމުގެ ގޮތުން ވޯޓުގައި ބައިވެރިވެވަޑައިގަތީ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ. ރޮޒެއިނާވެސް ވޯޓު ދެއްވީ ސަނީފްގެ ހުށަހެޅުއްވުން ފާސްކޮށް، އެ މައްސަލަ ނުބަލައި ކޮމިޓީ ނިންމާލުމަށެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމީ މިދިޔަ ފަސް އަހަރު ތެރޭ ނިންމި މައްސަލަތަކާއި ކޮމިޝަނުގެ ހިންގުމާއި މައްސަލަތައް ބެލުމުގެ ގާބިލިއްޔަތުކަމަށް ބިނާކޮށް ހެދި އޮޑިޓެއްގެ މައްޗަށް ބިނާކޮށެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއި އެކު، ކޮމިޝަންގެ ދެ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މިވަގުތު ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲ އެކަނިއެވެ.