ފަތުރުވެރިން

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓާ ހެދި، ވެކްސިން ފުރިހަމަކޮށްގެން ކަރަންޓީން ނުވެ ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް އެގައުމުން އެކުލަވާލި ވެކްސިނޭޓެޑް ޓްރެވެލް ލޭން (ވީޓީއެލް) މެދުވެރިކޮށް ޓިކެޓް ވިއްކުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ވީޓީއެލްގެ ދަށުން ޓިކެޓް ވިއްކުން މެދުކަނޑާލިކަން ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް މިހާރު އަންގާފައިވާކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހާއި ހަމަޔަށް ވީޓީއެލް އަށް ހާއްސަކޮށްފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލަން ސިންގަޕޫރު ސަރުކާރުން ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި އެ މުއްދަތުގެ ފަހުންވެސް ވިއްކާ ޓިކެޓްތަކުގެ އަދަދު 50 ޕަސަންޓު މަދުކުރުމަށް ސިންގަޕޫރު ސަރުކާރުން ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެއެވެ. މިނިސްޓްރީން ބުނީ ސިންގަޕޫރުން އެޅި މި ފިޔަވަޅުތަކަކީ ވީޓީއެލް ހުއްޓާލުމަށް  ނިންމި ނިންމުމެއް ނޫންކަމަށް މައުލޫމާތު ދީފައިވާކަމަށެވެ. ނަމަވެސް އޮމިކްރޯން ވޭރިއެންޓާ ގުޅިގެން މުރާޖައާކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށެވެ.

ބަޔާނުގައި މިނިސްޓްރީން ވަނީ ރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރަން ޓިކެޓް ނަގާފައިވާ ފަރާތްތަކާއި އެ ގައުމަށް ދަތުރުކުރަން ގަސްދުކުރާ ފަރާތްތަކުންވެސް މި ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ސިންގަޕޫރު ސަރުކާރުން މިފިޔަވަޅުތައް އެޅީ، އޮމިކްރޯން ވޭރިއެންޓާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަތުރުފަތުރުކުރުމުގެ އުސޫލުތައް މުރާޖައާކުރަމުންދާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެކެވެ. ގިނަ ގައުމުތަކަކުން އޮމްިކްރޯން ވޭރިއެންޓާ ގުޅިގެން ފިޔަވަޅު އަޅާފައިވަނީ އެ ވޭރިއެންޓް އެހެން ވޭރިއެންޓްތަކަށްވުރެ ހަލުވިކަމާއެކު ފެތުރޭކަމަށް މިހާތަނަށް ކުރެވުނު ބައެއް ސައިންތިފިކް ދިރާސާތަކުން ދައްކާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *