މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި މިވަގުތު އޮތް މާލޭގެ ޓީޖެޓީ ސަރަހައްދު މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް އަންނަ ހަފްތާގައި ސިވިލް ކޯޓަށް ހުށަހަޅަން އެ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ކައުންސިލުގެ ލީގަލް ޓީމުން މިހާރު ގެންދަނީ ޓީ-ޖެޓީ މައްސަލަ ސިވިލް ކޯޓަށް ވެއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުންނެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅަން ސިޓީ ކައުންސިލުން ކޯޓަށް ދިޔައީ، އެމްޕީއެލްއިން ޓީޖެޓީ ސަރަހައްދު އެކައުންސިލާ ހަވާލުކުރުމަށް ދީފައިވާ މުހުލަތު މިހާރު ފަހަނައަޅައި ގޮސް އިތުރުމާ ގުޅިގެން އެތަނާ ހަވާލުވާން ދިއުމުން ވެސް އެމްޕީއެލުން އެތަން ހަވާލު ނުކުރުމުންނެވެ.
ޓީޖެޓީ އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައި ކަމަށް ބުނެ، ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ވަނީ އެތަން ހުސްކުރަން އެމްޕީއެލްއަށް އެންގުމަށް ފާސްކޮށްފައެވެ. ސިޓީ ކައުންސިލުން ވަނީ އެތަން ހުސްކުރުމަށް އެމްޕީއެލްއަށް 90 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހުކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ޓީޖެޓީ ސަރަހައްދު ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެނައުމަށް ކައުންސިލްގެ އެ ބައްދަލުވުމުގައި ހުށަހެޅުއްވީވެސް ޑެޕިއުޓީ މޭޔަރު ނަރީޝްއެވެ. އަދި އެ ހުށަހެޅުއްވުމަށް ގިނަ ކައުންސިލް މެމްބަރުންތަކެއް ވަނީ ތާއިދުވެސް ކުރައްވާފައެވެ.
އެސަރަހައްދު ބަލަހައްޓާ އެމްޕީއެލްއިން ވަނީ ޓީޖެޓީގެ އެއްބަސްވުމުގައި އެއްވެސް މުއްދަތެއް ނެތް ކަމަށާއި އަދި އެތަން ނެގުމުގެ ބާރު އޮންނާނީ ސަރުކާރަށްކަމަށް ބުނެފައެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ އެތަން އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށްކަމަށާއި ކޯޓަށް ގޮސްގެން ނަމަވެސް އެ ތަން ހޯދުމަށް ނިންމާފައެވެ.
ޓީޖެޓީ އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިހާރުގެ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު 2015 ވަނަ އަހަރު ހައުސިން މިނިސްޓްރީއާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް މޭޔަރުކަމާއި ހަވާލުވެވަޑައިގަތްފަހުން އެ ސަރަހައްދު އަނބުރާ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް އެތައް ފަހަރެއްގެ މަތިން ސަރުކާރުގައި އެދިފައިވާކަމަށް މޭޔަރު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އެ ސަރަހައްދު އަނބުރާ ހޯދަން މަސައްކަތް ކުރައްވަނީ ކީއްވެތޯ ސުވާލު ކުރުމުން މާލެ ސިޓީ ކައުންސިލުން މިއަދު "ޖަޒީރާ" އަށް މައުލޫމާތުދެމުން ބުނީ ކުރީގައި ޓީ-ޖެޓީއަކީ މުނިސިޕަލްޓީގެ ތަނެއް ކަމަށެވެ. ނަމަވެސް މުނިސިޕަލްޓީ އުވާލީމާ އަނެއްކާވެސް އެތަން އަންނާނީ ސިޓީ ކައުންސިލުގެ ދަށަށް ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް ކުރީގެ ކައުންސިލުން މަސައްކަތް ކުރިއަށް ނުދާތީ މިދިޔަ ސަރުކާރުން އެތަން ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިޔައީ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އަނެއްކާވެސް ސަރުކާރު ބަދަލުވެ، ލާމަރުކަޒީ ގާނޫނަސް ގެނައި އިސްލާހާއެކު ޓީ-ޖެޓީ ސަރަހައްދު އެއީ ސިޓީ ކައުންސިލުގެ އިހްތިސޯސުގައި ހިމެނޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެ ކައުންސިލުން ބުނީ ޓީ-ޖެޓީއާ ހަވާލުުވުމަށް މަސައްކަތް ކުރަމުންދަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.