ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އަރުވައިފިއެވެ.

ނައިބު ރައީސް މި ޔަގީންކަން އެރުއްވީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން، މިއަދު ހެނދުނު ނައިބު ރައީސްގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރެއްވުމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ލީޝިންއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ މުއްދަތުގެ ތެރޭގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުންތައް ހަރުދަނާވެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

‎ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ވަރަށް ޒަމާންވީ ގާތް ގުޅުމެއް ގާއިމުވެފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ތަރައްގީގެ ސަފުގައި އެ ގައުމުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑްގެ ހާލަތުގައި ޗައިނާއިން ވެދެއްވި އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ވެސް އެ މަނިކުފާނު ވަނީ ޗައިނާއިން ރާއްޖެއަށް އެކިއެކި ދާއިރާތަކުން، ޚާއްސަގޮތެއްގައި ފަތުރުވެރިކަމާއި ސިއްހަތާއި އުމްރާނީ ތަރައްގީއާއި، މަތީ ތައުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެ ގައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

‎ނައިބު ރައީސް ވަނީ ޖީ20 ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރުއަދާ ކުރައްވާފައެވެ. ޖީ20ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ރާއްޖެއަށް ބައިވެރިވުމުގެ ސަބަބުން ކޮވިޑް-19އަށްފަހު ގައުމުގެ އިގްތިސޯދު އަލުން ފަށައިގަތުމަށް ވަރަށް ބޮޑު އެހީއަކަށްވި ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎ޗައިނާ ސަފީރުގެ ވާހަކާގައި، ޗައިނާ ސަރުކާރުގެ ހެޔޮއެދުންތައް ނައިބު ރައީސަށް އަރިސްކުރައްވާފައިވެއެވެ. އެކަމަނާ ވަނީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ކާމިޔާބުކަމާއެކު ފަތުރުވެރިކަން ހުޅުވާލެއްވީތީ، އެކަމަށް ތައުރީފު ކުރައްވާފައެވެ. އަދި އަންނަ އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވާ އެ މުނާސަބަތު ފާހަގަކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމަށް ރާވަމުންދާ ކަމުގައި އެކަމަނާގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

‎ސަފީރު ލީ ޝިން ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އެގޮތުން މެޑިކަލް ޓީމުތައް ފޮނުވުމާއި ދެ ގައުމު ދޭތެރޭ އޮތް އިޖްތިމާއީ އަދި ޒަމާންވީ ސަގާފީ ގުޅުންތައް ހަރުދަނާ ކުރުމަށް އިސްކަންދެއްވާނެކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތައް ކުރިއަށްހުރި ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމުގެ ރޫހު އާލާކުރައްވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *