"އިންޑިއާ އައުޓް" ކެމްޕޭނަކީ، މިސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމުގެ ބޭނުމުގައި ހިންގާ ކެމްޕެއިނެއްކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތުގެ ނަމާއި، ހަރަކާތް ހިންގާއިރު ފެންނަ އަމަލާއި، އަދި އެހަރަކާތް ރާވައިގެން އުޅޭ މީހުންގެ ނިޔަތަކީ ދިމާވާ އެއްޗެއް ނޫންކަމަށެވެ.
މި ކެމްޕެއިނަކީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ވަރަށް ބޮޑަށް އޮޅުވާލައިގެެން ކުރިޔަށްގެންދާ ކެމްޕެއިނެއްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
"ރާއްޖޭގެ ސިފައިންވެސް ރާއްޖެ ނޫން އެހެން ގައުމުތަކުގައި އެބަތިބި. ހަމަ ޔުނީފޯމުގައި އަޅުގަނޑުމެންގެ ސިފައިންގެ ބޭކަލުން ތިއްބަވާ. އަވައްޓެރި ގައުމުތަކުގައިވެސް އަދި އަޅުގަނޑުމެންނާ ދުރު ގައުމުތަކުގައިވެސް. އެމްބަސީގައާއި އަދި އެހެން ގޮތްގޮތުން. އެއީކީ ރާއްޖޭގެ މިލިޓަރީ އެހެން ގައުމުތަކުގައި އޮތުމެއް ނޫން"
އަލީ ޒާހިރު ވިދާޅުވީ، މި ކެމްޕެއިނަކީ ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހި ރައްޔިތުންނަށް ލިބެމުންއަންނަ އެތަށް ފައިދާތަކަކާއި، ތަރައްގީގެ އެތަށް މަޝްރޫއުތަކެއް ހުއްޓުވާލުމުގެ ނިޔަތުގައި ހިންގާ ކެމްޕެއިނެއްކަމަށެވެ.
"އޭގެ ބޭނުމަކީ އިންތިހާބެއް އަންނަ އިރު، ދައްކާނެ ކޮންމެސް އުޒުރެއް އޮންނަން ޖެހޭނެ، ދައްކާނެ ކޮންމެސް އެއްޗެއް އޮންނަށްޖެހޭނެ. އެގޮތުން އެމީހުން ބުނަން ބޭނުންވަނީ ތަރައްގީއެއް ނުކުރެވުނޭ ބުނަން. އަދި މަޝްރޫއުތައް ނުހިންގުނޭ ބުނަން"
އަލީ ޒާހިރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެއްވެސް ހާލެއްގައި ގައުމުން އެއްމެ އިންޗިއެއްޗެސްވެސް ދޫކުރާނެ ބޭފުޅެއް ނޫންކަމުގައެވެ.
ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ މާކުރިންވެސް ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވެފައިވާކަން ފާހަގަކުރައްވާ އަލީ ޒާހިރު ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ އާކަމެއް ނޫންކަމުގައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ބޮޑު ހަރަކާތެއް ފަށާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މި ހަރަކާތް ރާއްޖޭގެ އެކި ރަށްތަކަށް ވެސް މިހާރު ވަނީ ފުޅާކޮށްފައެވެ. މި ދަތުރުތަކުގައި އިސްކޮށް ހުންނަވަނީވެސް ކުރީގެ ރައީސް ޔާމީނެވެ.