މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ (އެމްޑަބްލިޔުއެސްސީ)ގެ އެންމެ އަގުހުރި ރައުސްމާލަކީ މުވައްޒަފުންކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

2019 އާއި 2020 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓްގައި ވާހަކަދައްވަމުން ޝާހު ވިދާޅުވީ، މި އެވޯޑް ހަފްލާގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއި އެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫޙު އާލާކޮށް އެކަމަށް ހިތްވަރު ދިނުންކަމުގައެވެ.

ޝާހު ވިދާޅުވީ، ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންކަމަށާއި، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރުގައި ކޮށްފައިވާކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި އަދި ދިގުމުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅިފައިވާ، މެދުކެނޑުމެއްނެތި ފޯރުކޮށްދޭންޖެހޭ ޚިދުމަތެއްކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ،
"އެކުވެރި އެމް.ޑަބްލިޔު.އެސް.ސީ"ގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ޝާހު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެމް.ޑަބްލިޔު.އެސް.ސީއަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން، ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ޓްރޭޑިންގ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

ރޭ ބޭއްވި އެވޯޑް ނައިޓްގައި ދިގު މުއްދަތަށް އެމްޑަބްލިޔުއެސްސީއަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފަކު ވަނީ އެވޯޑް ހާސިލްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *