އިންގްލިޝް ޕްރިޕެރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސް)އިން ލިބިވަޑައިގެންނެވީ ހަނދާނުން ފޮހެލަންދަތި އުފާވެރި ހަނދާންތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އީޕީއެސް ފައުންޑޭޝަނުން ކުރިއަށްގެންދިޔަ ޚިދުމަތުގެ ހަވީރު 2021 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެމަނިކުފާނުގެ ތައުލީމީ ހަޔާތުގައި އީޕީއެސްގައި ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ތައުލީމް ހާސިލްކުރަން މާލެއަށް ބަދަލުވީ 70ގެ އަހަރުތަކުގެ ތެރޭގައިކަމަށާއި، މާލެ ބަދަލުވެ އެންމެ ފުރަތަމަވެސް ތައުލީމް ހާސިލްކުރަންފެށީ އީޕީއެސްއިންކަމަށެވެ. އޭރުގެ ހަނދާންތައް މިހާރުވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

"ބައެއް ހަނދާންތަކުގެ ތެރޭގައި، އަޅުގަނޑަށް އިނާމު ލިބުނު ދުވަހެއް ހަނދާން އެބަހުރި. ސްޓޭޖްގަ. ކްލާހުން ވަނައެއް ލިބިގެން އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުން އަޅުގަނޑަށް އިނާމް އެރުވީ. އެހަނދާން އަދިވެސް އަޅުގަނޑުގެ އެބަހުރި."

އީޕީއެސްއިން ދިމާވި ރައްޓެހިންގެ ހަނދާތައް އާކުރައްވާ ރައީސް ވިދާޅުވީ، އެބޭފުޅުންނަކީ އަދިވެސް ވަރަށް ގާތް ރައްޓެހިންކަމަށެވެ.

"އަޅުގަނޑަށް މިތަނުން ފެންނަ އެއް މޫނެއް މޒ. ޒާހިރު އެބަ އިންނެވި. އަދިވެސް މިތާ ތިއްބަވާނެ އަޅުގަނޑާއެކު ކިޔެވި އެއްތައް ބޭފުޅުންނެއް."

ރައީސް ވަނީ އެސުކޫލުގައި ކިޔަވައިދެއްވި ޓީޗަރުންގެ ހަނދާންތައްވެސް އާކުރައްވާފައެވެ. އެގޮތުން އަބްދުﷲ ސޯދިގު (ސޯދުބޭ)ގެ ނަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"މީގެ ހަފްތާއެއް ކުރިންވެސް އަޅުގަނޑު ފޯނުކޮށްލިން ސޯދުބެއަށް. އަޅުގަނޑަކަށް ނޭންގެ އޭރު ބަލިވެ އުޅުއްވާކަމެއް. ވަރަށް އުފާވެެއްޖެއޭ ވިދާޅުވި. އަޅުގަނޑު ހާލު ކިހިނެއްތޯ އެހީމަ ވިދާޅުވި ރަނގަޅުވާންވެފައޭ މިއޮތީ. އަޅުގަނޑު އެހިން ކިހިނެއްތޯއޭ ވީ. ވިދާޅުވީ ތިމަންނާ ހޮސްޕިޓަލަސް ދަނިކޮށް ސައިކަލު އަނބުރާލަނިކޮށް ސައިކަލުން ވެއްޓި ފައި ބިނދިގެންނޭ މިއުޅެނީ. އެކަމަކު މިހާރުވެސް މިއޮތީ ހަމަ ތެދުވަން ތައްޔާރަށޭ ވިދާޅުވީ. ވަރަށް އުފާވެއްޖެއޭ ވިދާޅުވި ފޯން ކޮށްލީމަ."

އީޕީއެސްއާ ވަކިވާން ދިމާވި ސަބަބު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އީޕީއެސް ދޫކޮށް ދާންޖެހުނީ އޭރު އީޕީއެސްއިން އެންމެ ރަނގަޅަށް ފާސްވި ދަރިވަރުން މަޖީދިއްޔާއަށާއި، އަމީނިއްޔާއަށް ބަދަލުކުރުމުންކަމަށެވެ.

"ފުރަތަމަ ބުރުގައި ލިބުނު 6 ދަރުވަރުންގެ ތެރޭގައި އަޅުގަނޑު މަޖީދިއްޔާއަށް ބަދަލުވީ. އަޒްލިފާއާއި ޝާއިރާ ބަދަލުވީ އަމީނިއްޔާއަށް، އަޅުގަނޑާ ހަސަން ޒާހިރާ އަބްދުލް ހާރިސާއި، ޝަފީއުއާއި ފައްޔާޒް ފައިސަލާއި މި އެންމެން ބަދަލުވީ މަޖީދިއްޔާއަށް. އެހުރިހާ ކުދިންވެސް ހަމަ އަޅުގަނޑުގެ ރައްޓެހިންގެ ގޮތުގައި މިހާރުވެސް އެބައުޅޭ."

ރައީސް ވިދާޅުވީ، މީގެ ގާތްގަނޑަކަށް 52 އަހަރު ކުރިން އީޕީއެސް އުފެދިގެން އައީ ދިވެހިރާއްޖެ، ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައިކަމަށެވެ. އެއީ ދުރުވިސްނޭ، ދިވެހިރާއްޖެއަށް ހެޔޮއެދޭ، ހާއްސަކޮށް ތައުލީމަށް ލޯބިކުރައްވާ އޭރުގެ ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރި ވަރަށް މުހިންމު އަގު ނުކުރެވެވަރުގެ ހިދުމަތްތަކެއްކަމަށެވެ.

ރައީސް ވަނީ، އީޕީއެސްއަށް 52 އަހަރު ފުރޭއިރު، އެސުކޫލުން ކިޔެވި ދަރިވަރުން، މަތީ ފަންތީގެ އެކިއެކި ވަޒީފާތައް ފުރަމުންގެންދާން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު ދަންނަވާނީ މިއަދު މިރާއްޖެ މިއޮތީ އަނެއްކަވެސް އީޕީއެސްއަކަށް ބޭނުންވެފައޭ. އީޕީއެސްއިން އުފެއްދި ދަރުވަރުންގެ ތެރޭގައި ޕްރޮފެސަރުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުހުންނާއި، ނަރުހުންނާއި، ކުޅިވަރުކުޅޭ މީހުންނާއި، މިހެންގޮސް ސިޔާސީ ދާއިރާގައިވެސް އެބަތިބި"

ރައީސް ވިދާޅުވީ އީޕީއެސްގެ ނަން ދާއިމަށް ދެމިގެންދާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *