ލ. ގަމުގައި އޮންނަ ޕަރީ ފެންގަނޑު. ފޮޓޯ: ޔޫސުފް ޝަހީދު/ޓްވިޓާ

ލ. ގަމުގައި އޮންނަ މަޝްހޫރު ޕަރީ ފެންގަނޑު ހިމެނޭ ލާމު އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފިއެވެ.

ހިމާޔަތްކުރަން ނިންމާފައިވަނީ، ލ އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ހާއްސަ ހަ ސަރަހައްދެކެވެ. އެ ސަރަހައްދުތަކަކީ:

  • ލ. ގަމު ބޮޑަ ފެންގަނޑަ ސަރަހައްދު
  • ލ. މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދު
  • ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަހައްދު
  • ލ. ގާދޫ ރަށުގެ ވެލާއަރާ ގޮނޑުދޮށާއި ޗަސްބިން އަދި ވަށައިގެންވާ ފަރާއި ފަރު އަދި މޫދުވިނަ ސަރަހައްދު
  • ލ.ގާދޫ-ހިތަދޫ ކަނޑު
  • ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދުގެ ސަރަހައްދު

މިތަންތަން ހިމާޔަތްކުރަން ނިންމީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

ހިމާޔަތްކުރަން ނިންމި ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ.

ލ. އަތޮޅަކީ ތިމާވެށިގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި ބައިނަލްއަގްވާމީ ޖަމިއްޔާއެއްކަމުގައިވާ މިޝަން ބްލޫއިން މިއަހަރު ފާހަގަކުރި އަތޮޅެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް، ފަރާއި ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެމަސައްކަތުގެ ދަށުން ތިލަދުންމަތީގެ 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި، ފުވައްމުލައް ސިޓީގެ އެއް ސަރަހައްދާއި، އަދި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް  މި ސަރުކާރުން ވަނީ މިހާތަނަށް ހިމާޔަތްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *