މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި "ވެށިފަހި މާލެ ޕްރޮގްރާމް" އަލުން ފެށުމަށް ސަރުކާރަށް ހުށަހެޅުމަށް ގޮވާލާ ގަރާރެއް ވެެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފާސްކޮށްފިއެވެ.
މި ގަރާރު ފާސްކޮށްފައިވަނީ މިއަދު އެމްޑީޕީން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރި މިގަރާރު ހުށައެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއެވެ.
ގަރާރު ހުށައަޅުއްވަމުން އާޒިމް ވިދާޅުވީ، ފާއިތުވި ތިރީހަކަށް އަހަރު ތެރޭ މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިނުވާކަމަށާއި، އެހެންނަމަވެސް އެމުއްދަތުގައި މާލޭގެ އާބާދީ އެތައް ގުނައަކަށް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން މާލޭގެ ގިނަ ބަޔަކު މިވަގުތު ބޯހިޔާވަހިކަމަށް ޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
މިކަމަށް ހައްލުތަކެއް ހޯދައިދިނުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓޯއާއި އޭގެ ޖެހިގެން އައި އަހަރު އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވެސް އެމްޑީޕީ މެނިފެސްޓޯގައި އެކަން ހިމަނާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.
ނަމަވެސް އެކަމަށް އަދިވެސް ހައްލެއް ލިބިފައިނުވާތީ، ހައްލު ހޯދުމުގެ ގޮތުން ކުރަން އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ "ވެށިފަހި މާލެ ޕްރޮގްރާމު" އަލުން ހިންގަން ފެށުންކަމަށް އާޒިމް ވިދާޅުވިއެެވެ.
މާލެއިން ބިންކޮޅު ދޫކުރާ ފަރާތްތަކަށް މާލެއިން ބިންކޮޅެއް ދިނުމާއި، މީގެއިތުރުން ހުޅުމާލެއާއި މާލެ ސަރަހައްދުން އެހެން ހިސާބުތަކުން ގޯތި ކަނޑާފައި ބިން ދިނުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރަންޖެހޭ. އެމަސައްކަތް ކުރަމުންދާއިރުވެސް، އެކިއެކި ހައުސިން ސްކީމްތަކުގެ ތެރެއިން ފްލެޓް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދަންޖެހޭކަން އަޅުގަނޑު ގަބޫލުކުރަން.
އާޒިމް ވިދާޅުވީ، ހައުސިން ސްކީމްތަކުގެ ތެރެއިން ފްލެޓް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، ގޯތި ހައްގުވާ ފަރާތްތައް ދެނެގަތުމަށްޓަކައި ހާއްސަ ކްރައިޓީރިއާއެއް ކަނޑައަޅައި، އެކަންކަން އިއުލާނުކޮށް، އެތަންތަނަށް ކުރިމަތިލުމަށް ހުޅުވާލަން އަވަސް ކުރަންޖެހިފައިވާކަމަށެވެ.
މިކަންކަން ކުރަންޖެހެނީ ސަރުކާރާއި މާލެ ސިޓީ ކައުންސިލުންކަމަށްވާތީ، ލަސްނުކޮށް ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމަށާއި، މާލެ ސިޓީ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ މަސައްކަތް މާލޭގެ ރައްޔިތުންނަށް ކޮށްދިނުމަށް ގަރާރު ހުށައަޅުއްވަމުން އާޒިމް ގޮވާލެއްވިއެވެ.
"ވެށިފަހި މާލެ ޕްރޮގްރާމް" އަކީ ބޯހިޔާވަހިކަމަށް ދަތިވެފައިވާ މާލޭގެ ރަށްވެހިންނަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން، މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ މަގްސަދުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގި ޕްރޮގްރާމެކެވެ.