ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ޕާޓީތަކުން އިސްނަގައިގެން ކުރިޔަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ހަރަކާތްތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ފ. ނިލަންދުއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން ރައީސް ޔާމީން ނިލަންދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އެ ހަރަކާތާ ގުޅުވައިގެން އެ ރަށުގައި ހާއްސަ ޖަލްސާއެއްވެސް އޮންނާނެކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ބުރާސްފަތި ދުވަހު ނިލަންދުއަށް ވަޑައިގެން އެދުވަހު ހަވީރު އެރަށުގައި އޮންނަ ސިޔާސީ ހަރަކާތެއްގައިވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.
ރައީސް ޔާމީން ދަނީ އެމަނިކުފާނަށް ކުރި ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށްފަހު އިދިކޮޅު ހަރަކާތްތައް އަދި ހާއްސަކޮށް "އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރައްވަން މަސައްކަތްކުރައްވަމުންނެވެ.
އެކަމާ ގުޅިގެން ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ސިޔާސީ ލީޑަރުން ޒިންމާދާރުވެރިކަމާއެކު އަދި އަވަށްޓެރި ގާތް ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫނާރާނޭހެން އަމަލުތައް ބެހެއްޓުމަށް ގޮވާލާފައެވެ.
މިއަދު ހަވީރު އޮތް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ މަޝްވަރާ ބައްދަލުވުމެއްގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ރައީސް ޔާމީނަށް ފާޑުވިދާޅުވެ، އެ ހަރަކާތް ހުއްޓުވުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.